ސިޔާސީ

ފަނޑިޔާރުކަމުން ވަކިވާފަރާތްތަކަށްވެސް އިނާޔަތާއި އިމްތިޔާޒް ލިބޭ އިޞްލާޙެއް ހުށައަޅައިފި


ފަނޑިޔާރުކަމުގެ މަޤާމުން ވަކިވުމުން ދައުލަތުން އިނާޔަތް ދޭންޖެހޭ އިޞްލާޙެއް މަޖިލީހަށް ހުށައަޅައިފިއެވެ.

ފަނޑިޔާރުންނާ ބެހޭ ޤާނޫނަށް މި އިޞްލާޙު ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. މި އިޞްލާޙު މަޖިލީހަށް ހުށައަޅާ ބަހުސްކުރުމަށް މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
ރިޔާޒް ހުށައެޅުއްވި މި އިޞްލާޙުގައި ވަނީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ކޮންމެ މީހަކަށާއި، އެ މަޤާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ޚާއްޞަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެކަމަށެވެ.

މި އިޞްލާޙުގެ ބައެއް ފޮޓޯ ހިމެނޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައިވަނީ މި މަޖިލީހުގެ 70 އިންސައްތަ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނުމުންވެސް މަޖިލީހުގެ އެންމެ ފަހު ޖަލްސާތައް ކުރިއަށް އޮއްވާ މި އިޞްލާޙުތައް ހުށަހެޅުމުން ކަންބޮޑުވާ ކަަމަށެވެ.

މި އިޞްލާހަށް ބަހުސްކުރުމަށް މިއަދު އެޖެންޑާކުރި ނަމަވެސް މިއަދު 9 އެއް ޖަހާއިރު ފަށަން އެޖެންޑާކުރި ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން އަދި ވަނީ ފެށޭގޮތް ނުވެފައެވެ.

ފަނޑިޔާރުންނަށް އިމްތިޔާޒްތަކާއި އިނާޔަތްތަކެއް ދިނުމަށް އިޞްލާޙު ހުށައަޅާފައިވާއިރު، މި ހަފްތާގެ ހޯމަ ދުވަހު ވަނީ މަޖިލީހުގެ މެންބަރު ކަމުން ވަކިވާ ކޮންމެ މީހަކަށްވެސް އިތުރު އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދިނުމަށް އިމްތިޔާޒްތަކާ ބެހޭ ޤާނޫނަށް އިޞްލާޙުތަކެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި މެންބަރުކަމުން ވަކިވާ މީހާއާއި އޭނާގެ އަނބިންނާއި، 18 އަހަރު ނުފުރޭ ދަރިންނަށް ހެލްތު އިންޝުއަރެންސްއާއި ޑިޕްލޮމެޓިކް ޕާސްޕޯޓާއި، އެއަރޕޯޓް ވީއައިޕީ ޚިދުމަތް ލިބޭނެ އިޞްލާޙުތަކެއް ހިމެނެއެވެ.