ވިޔަފާރި

ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާ، ދެވަނަ ބުރު ފަށައިފި

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބީއެމްލުން ފެށި އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރު ފަށައިފިއެވެ.

މިއީ ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައި ބީއެމްއެލްގެ އިތުރުން މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމުގެ މަގުފަހިކޮށްދިނުމަށް ބީއެމްއެލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށްްވެސް ވަނީ އެޕޮއިންޓްމަންޓް ލެޓަރ ދީފައެވެ.

މި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢައިޝަތު ނޫރައްދީން އެވެ. ފުރަތަމަ ބުރުގެ އިންޓަރޝިޕް ޕްރޮގްރާމުން ހަތަރު ފަރާތަކަށް ވަނީ ބީއެމްލުން ވަޒީފާ ދީފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢައިޝަތު ނޫރައްދީން ވިދާޅުވީ "ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ ގްރެޖުއޭޓް އިންޓަރންޝިޕްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މެދުކެނޑުމެއްނެތި މި އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު މިވަނީ ހުޅުވާލެވިފައި." ނޫރައްދީން ވިދާޅުވިއެވެ.

މިއީ 'ބީއެމްއެލް ޕްރޮސްޕެކްޓް' ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، ބާރަ މަސްދުވަހުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑއަޅާފައި ހުރެއެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

މުވައްޒަފުންގެ ކަންކަމުގައި ބީއެމްލުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.