ޚަބަރު

ރިލްވާނާއި ޔާމީނަށް އިންސާފު ހޯދާދިނުމަށް ރައީސްވެސް މަގުމައްޗަށް


ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ 4 އަހަރު ފުރުމާއި، ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލިތާ 2 އަހަރު ފުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ރަސްފަންނު ސަރަހައްދުން ފެށިގެން އާޓިފިޝަލ ބީޗާއި ހަމައަށް ކުރިޔަށް ދިޔަ މި ހިނގާލުން ފެށިގެން ނިމެދްނެ ރައީސް ބައިވެރިވެޑަިގެންނެވިއެވެ. އަދި މި ހިނގާލުމުގެ ކުރީ ސަފުގައި ރައީސް ހުންނެވީ ރަހުމް ކުޑަގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ބައްޕައާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމައާއި އެކުއެވެ. މި ހިންގާލުމުގައ ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެޑައިގެންފައެވެ.

ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މިހަރަކާތުގައި، މި ހިނގާލުމުގެ ބައިވެރިންވަނީ، އިންސާފު ނުލިބެނީސް މި މައްސަލަ ދޫކޮށް ނުލާނެކަމަށް ބުނެ އަޑު އުފުލާފައެވެ. އެގޮތުން، މި ފަރާތްތަކުން ވަނީ ޤައުމުން އަނިޔާވެރިކަން ނައްތާލާ، މި ޙާދިސާތަކުގެ ތަޙުޤީގުގެ މަޢުލޫމާތު ހާމަކުރުމަށް ގޮވާލާފައެވެ.

މި ހިނގާލުމަށްފަހު ޔާމިން ރަޝީދުގެ ބައްޕައާއި، ރިލްވާންގެ މަންމަ ދެއްކި ވާހަކަތައް ވެގެންދިޔައީ މި ހަރަކާތުގެ ބައިވެރިންނަށް އަސަރުތަކެއް ކުރުވި ވާހަކަތަކަކަށެވެ. ޔާމިން ރަޝީދުގެ ބައްޕައާއި، ރިލްވާންގެ މަންމަ ދެއްކި ވާހަކައިގައި އެ މީހުންގެ ދަރިންނަށް އިންސާފު ހޯދާ ދިނުމަށް އެދި ރައީސް އާއި ސަރުކާރަށް އާދޭހާއި އެކު ގޮވާލިއެވެ

ޔާމީން މަރާލިތާ ދެ އަހަރުވުން ފާހަގަކުރުމަށް ހާއްސަ ހިގާލުމެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުލެއް ނުކުރާނަން މިހެންނެވެ. ރައީސް މި ޓްވީޓު ކުރައްވާފައިވަނީ ޔާމީން އެންމެ ފަހުން ކޮށްފައިވާ ޓްވީޓްގައި ބޭނުންކޮށްފައިވާ ރަތްކުލައިގެ ޕުއްޕާ ހަމުގެ އިމޯޖީއާއި އެކުއެވެ.

ރައީސްގެ މި ޓްވީޓާއި އެކު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ތާއިދުކުރައްވާ ޝުކުރު އަދާކޮށްފައެވެ. އަދި ރައްޔިތުންނާއި އެ ފަޅީގައި ރައީސް ހުންނަވާކަން އެގުމުން އުފަލުން ހިތް ފުރިފައިވާކަމަށްވެސް ބައެއް ރައްޔިތުން ވަނީ ބުނެފައެވެ.