ޚަބަރު

ލަންކާގައި އިތުރު ޙަމަލާތަކެއް ދިނުން އެކަށީގެންވޭ- ރަނިލް


ސްރީލަންކާގައި އިތުރު ޙަމަލާތަކެއް ދިނުން އެކަށީގެންވާކަމަށް އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރަނިލް ވިދާޅުވީ ލަންކާއަށް ދިން ޙަމަލާތަކާ ގުޅުން ހުރި ބައެއް މީހުން ގޮވާތަކެއްޗާއެކު ލަންކާގައި ހަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އިތުރު ޙަމަލާއެއް ނުވަތަ ޙަމަލާތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް ރަނިލް ވިދާޅުވިއެވެ.

ލަންކާގައި ދިން ބޮމުގެ ޙަމަލާތަކުގައި 300 އެއްހާ މީހުން މަރުވެފައިވާއިރު އައި.އެސްއިން ވަނީ ޙަމަލާތަކުގެ ޒިންމާ އުފުލާފައެވެ. ރަނިލް ވިދާޅުވީ އައި.އެސްއާ ޙަމަލާތަކާ އޮތީ ކޮން ގުޅުމެއްތޯ ބަލަމުންދާކަމަށާއި އެމީހުންނާ ޙަމަލާތަކާ ގުޅުން އޮންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ސްރީލަންކާ މީހުންގެ ތެރެއިން އައި.އެސްއިން ކުރަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން އަނބުރާ ޤައުމަށް އައި މީހުންގެ މަޢުލޫމާތުތައް މިހާރު ދިރާސާކުރަމުންދާކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަދުވަހު ލަންކާގައި ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެން ލަންކާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އެޤައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ގެތަކާއި އާއްމުން ބަލާ ފާސްކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިރު މިޙަމަލާތަކާ ގުޅިގެން ސަޅީހަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.