ޚަބަރު

ލަންކާއަށް ދިން ޙަމަލާއަކީ ނިއުޒިލެންޑުގެ މިސްކިތްތަކަށް ދިން ޙަމަލާތަކުގެ ބަދަލެއް


ސްރީލަންކާގައި އާދީއްތަ ދުވަހު ހިންގި ބޮންގޮއްވުމުގެ ޙަމަލަތަކަކީ މިދިޔަ މާޗްމަހު ނިއުޒިލެންޑުގެ ދެ މިސްކިތަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް އެގައުމުން ބުނެފިއެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ މައުލޫމާތު ޕާލަމެންޓަށް ދެއްވަމުން ސްރީލަންކާގެ ޑީފެންސް މިިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރުވަން ވިޖެވަރުދަނަ ވިދާޅުވީ ސްރީލަންކާއަށް ދިން ޙަމަލާތަކަކީ ނިއުޒިލެންޑުގެ ދެ މިސްކިތްތަކަށް މިދިޔަ މާޗްމަހުގެ ފަނަރަވަނަދުވަހު ދިން ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ޙަމަލާތަކެއްކަން ތަހްގީގްތަކުން ހާމަވާކަމަށާއި ތަހްގީގްތައް ވަރަށް ބާރަށް ކުރިޔަށްދާކަމަށެވެ.

ވިޖެވަރުދަނަ ވިދާޅުވީ ސްރީލަންކާއަށް ދިން ހަމަލާތައް ތަންފީޒުކުރީ އެގައުމުގެ ހަރުކަށި ދެ ޖަމާއަތަކުން ކަމަށާ އެއީ "ނެޝަނަލް ތައުޙީދު ޖަމާއަތާ" އަދި "ޖަމްއިއްޔަތު މިއްލަތު އިބްރާހީމް" ނަމަކަށް ކިޔާ ޖަމާއަތުން ކަމަށެވެ. އެދެ ޖަމާއަތުން ހަމަލާތައް ތަންފީޒުކުރީ ބޭރުގެ ނެޓްވާކެއްގެ އެހީތެރިކަމާއެކުގައި ކަމަށް ބެލެވޭތީ އެކަން ސީރިއަސް ކަމެއްގެ ގޮތެއްގައި ތަހްގީގް ކުރަމުން ގެންދާކަމަށް ވިޖެވަރުދަނަ ވިދާޅުވިއެވެ.

ވިޖެވަރުދަނަ މިހެން ވިދާޅުވެފައިވާއިރު ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުން މިއަދު ވަނީ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.