ޚަބަރު

ލަންކާގައި ދިން ޙަމަލާގެ ޒިންމާ އައި.އެސްއިން އުފުލައިފި


ސްރީ ލަންކާއަށް އާދީއްތަދުވަހު ދިން ޙަމަލާތަކުގެ ޒިންމާ ހައްދު ފަހަނަޅައަޅާފައިވާ އައި.އެސް ޖަމާޢަތުން އުފުލައިފިއެވެ.

އައިއެސް ޖަމާއަތުގެ ނޫސް އެޖެންސީ "އަލްއަޢްމާޤް" އިން ޝާއިޢުކުރި ބަޔާނަކާ ހަވާލާދީ ރޮއިޓާސް ބުނީ ސްރީލަންކާގައިވާ ނަސާރާ ބައެއް ފައްޅި ތަކަށާއި ލަގްޒަރީ ބައެއް ހޮޓާތަކަށް އާދީއްތަ ދުވަހު ޙަމަލާތައް ދިނީ އެޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށެވެ. ސްރީލަންކާ ސަރުކާރުން ބުނެފައިވަނީ އެގައުމަށް ދިން ހަމަލާތަކުގައި ބޭރުގެ ޓެރަރިސްޓް ނެޓްވާކެއް ޝާމިލްވާކަމަށާ ނަމަވެސް ޙަމަލާތައް ތަންފީޒުކޮށްފައިވަނީ އެގައުމުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުޙީދު ޖަމާއަތުން ކަމަށެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮލަމްބޯ، ނިގަމްބޯ، ބަޓިކޮލޯ، ދެހިވަލާ، ނޮގޭގޮޑާ އަދި ޑެމަޓަގޮޑާ ގައިވާ ބައެއް ހޮޓާތަކާއި ނަސާރާއިންގެ ބައެއް ފައްޅި ތަކަށެވެ.

ޓެރަރިސްޓް ހަމަލާތައް އަމާޒުކުރި ހޮޓާތަކުގެ ތެރޭގައި ދަ ސިނަމަން ގްރޭންޑް ހޮޓަލާއި ކިންގްސް ބަރީ ހޮޓަލާ އަދި ޝަންގްރިއްލާ ހޮޓާ ހިމެނެއެވެ.

ސްރީލަންކާއަށް ދިން ޙަމަލާތަކުގެ ތެރޭގައި ބޮމުގެ ޙަމަލާތަކުގެ އިތުރުން ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން އަމިއްލައަށް މަރުވެގެންދިން ހަމަލާތައްވެސް ހިމެނެއެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ތިންސަތޭކަ ދިހައަކަށް އަރާފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 450 އަށްވުރެ ގިނަކަމަށް އެގައުމުން ބުނެއެވެ.