ސިޔާސީ

ސްރީ ލަންކާ ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ދިވެހި އެމްބަސީން އިލްތިމާސްކޮށްފި


ސްރީލަންކާގައި ދިވެހިން ބޭރަށް ނުކުމެ އުޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށާ، އެހެންނަމަވެސް އެޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެޤައުމުގައި ދިރިއުޅޭ ދިވެހިރައްޔިތުންނަށް ދިވެހި އެމްބަސީން އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ ނާއިބު އަސްލަމް ޝާކިރު ވިދާޅުވީ، ސްރީލަންކާ ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިވެހިން ބޭރަށްނުކުމެ އުޅުމަށް އެއްވެސް ހުރަހެއް މިހާރު ނެތްކަމަށާއި، ނަމަވެސް ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ "އައިޑެންޓިޓީއެއް" ގެންގުޅުއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އަސްލަމް ވިދާޅުވީ މި ދަނޑިވަޅުގައި ސްރީލަންކާ ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ހުރިހާ އެންމެގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުއްވާ ފިޔަވަޅުތަކެއްކަމަށާ، ދިވެހިންވެސް އެޤައުމުގައި އުޅޭއިރު، އެކަމަށް ފުރިހަމައަށް އެއްބާރުލުންދޭންޖެހޭކަމަށެވެ.

"އަސްލު ދިވެހިންނަކީ ވަރަށް ކެތްތެރިބައެއް. މިހާތަނަށްވެސް އެއްބާރުލުން ދެމުން އައިސްފައިވަނީ." އަސްލަމް ވިދާޅުވިއެވެ.

ދިވެހި ސަފީރުގެ ނާއިބު އަސްލަމް ވަނީ ސްރީލަންކާ ސަރުކާރުން ކޮންމެ ވަގުތެއްގައިވެސް "ކާފިއު" އިޢުލާނުކޮށްފާނެކަމަށް ބަލައިގެން ދުރާލައި ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި މި ދަނޑިވަޅުގައި ހޯދާފައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

ސްރީލަންކާގައި ދެ ދިވެއްސަކު ގެއްލިގެން އުޅޭކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާގުޅިގެން އަސްލަމް ވިދާޅުވީ، އެއްވެސް ދިވެއްސަކު ގެއްލިގެން ނޫޅޭކަމަށާ، އެމައްސަލައަކީ އާއިލާއިން އެމީހުންނަށް ނުގުޅިގެން ކުރިމަތިވި އޮޅުމެއްކަމަށް. ދިވެހި އެމްބަސީން މިހާރު އެމީހުންނާއި ބައްދަލުކޮށްފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުގެ އެތައް ބަޔަކު ޒަޚަމް ވެފައިވާތީ އެކަމުގެ ހިތާމައިގައި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑި އަށް ތިރިކޮށްފައެވެ.

ސްރީލަންކާއަށް ދިމާވި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހިން ތިބީ އެޤައުމުގެ ރައްޔިތުންނާއެކުކަން ދިވެހި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ ޚާއްޞަ މަންދޫބެއްވެސް އެޤައުމަށް ފޮނުވާފައެވެ. ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާއިރު އެޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގެތަކާއި މީހުން ބަލާ ފާސްކުރުމުގެ މަސައްކަތްވެސް އެޤައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ.

އަސްލަމް ވިދާޅުވީ ގެތައް ބަލާ ފާސްކުރަނީ ދިވެހިންނަށް އަމާޒުކޮށްގެން ނޫންކަމަށައި، އެހެންކަމުން އެކަމުގައިވެސް އެއްބާރުލުން ދިނުމަށް ދިވެހި އެމްބަސީން ވަނީ އިލްތިމާސްކުރައްވާފައެވެ.