ޚަބަރު

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ވެމްކޯގެ މުވައްޒަފަކު މަރުވެއްޖެ


އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ އައްޑޫ ހިތަދޫ ކުނިކޮށި ސަރަޙައްދުން ސައިކަލަކާއި ވޭނެއް ޖެހިގެންނެވެ. ޕީއެސްއެމް ނިއުސަށް މަޢުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓްވި މީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައިކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ވެމްކޯގެ އައްޑޫ ބްރާންޗުގެ މުވައްޒަފެކެވެ. މި މީހާއަކީ ސ.ހިތަދޫ، އަލިމަސްގެ، ނަބީލް އިބްރާހީމްކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ކުނިކޮށި ސަރަޙައްދުގައި ހުންނަ ވެމްކޯ އޮފީހަށް، އެތަނުގެ މުވައްޒަފަކު ސައިކަލުން ވަންނަން އުޅެނިކޮށް ވޭނެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ވޭނަކީ ފޭދޫގައި ހިންގަމުން އަންނަ މެޑިސިޓީގެ ވޭނެކެވެ.