ޚަބަރު

ޗެލްސީއަށް ބާންލީ ކައިރިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީ އާ ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

އަމިއްލަ ދަނޑުގައި ޓޭބަލްގެ 15 ވަނައިގައި އޮތް ބާންލީ އާ ވާދަކޮށް ޗެލްސީ އިން ކުޅުނު މެޗް އެއްވަރުވީ 2-2 އިންނެވެ. މި ނަތީޖާ އާއެކު ޗެލްސީ ވަނީ ޕޮއިންޓް ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.

އެހެން ނަމަވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އަނެއް ތިން ޓީމު ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑަށްވުރެ އިތުރަށް ޗެލްސީ އިން އެއް މެޗް ކުޅެފައިވާއިރު ރޭގެ މެޗުން މޮޅު ނުވެވުމުން މިވަގުތު ތިން ވަނައިގައި އޮތް ޓޮޓެންހަމް އަށްވުރެ ކުރިއަށް ޖެހިލަން ޗެލްސީއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

ރޭ ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗްގައި ޖެހި ހަތަރު ލަނޑުވެސް ފެނިފައިވަނީ މެޗްގެ ފުރަތަމަ 25 މިނެޓްގެ ތެރޭގައެވެ. ޗެލްސީ އިން ޑޮމިނޭޓްކުރި ރޭގެ މެޗްގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާންލީ އިން. މެޗްގެ 8 ވަނަ މިނެޓްގައި މި ލަނޑު ބާންލީ އަށް ޖަހައިދިނީ އެޓީމްގެ ޖެފް ހެންޑްރިކްއެވެ. ބާންލީ އިން ލީޑް ނެގުމާއެކު ޗެލްސީ އިން އިތުރަށް ކުޅުން ރަގަޅުކޮށް ފުލުފުލުގައި ދެ ލަނޑު ޖަހައި ލީޑް ނެގިއެވެ. ޗެލްސީގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި އެޑެން ހަޒާޑް ދިން ރީތި ބޯޅައަކުން އެންގޯލޯ ކާންޓޭ ކާމިޔާބުކުރިއިރު ދެވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ގޮންޒާލޯ ހިގުއައިން ކާމިޔާބުކުރީ ގޯލާ ކައިރިން އޭނާއަށް ލިބުނު ބޯޅައެއް އެއް ފަހަރުން ޖަހައި ބާންލީގެ ގޯލަށް ވައްދާލައިގެންނެވެ.
އެކަމަކު ދެން އަނެއްކާވެސް ފެނުނީ ބާންލީ އިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރި ތަން. މެޗްގެ 35 ވަނަ މިނެޓްގައި ބާންލީ އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ފޯވާޑް އޭޝްލީ ބާންސްއެވެ.