ޚަބަރު

ޑީ.ވީ.ވީ.އޭ ވުޖޫދަށް އައުމަކީ ޒުވާން ޓީމްތަކަށް ލިބޭ ހިތްވަރެއް - ލަތީފް


ދިވެހި ވޮލީބޯޅަ ވެޓެރަންސް އެސޯސިއޭޝަން ވުޖޫދަށް އައުމަކީ ޒުވާން ވޮލީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދާނެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޑީވީވީއޭގެ ފުރަތަމަ ކޮންގްރެސްއަށްފަހު، ވީއޭއެމްގެ ރައީސް އަދި ޑީވީވީއޭގެ މެމްބަރު ވިދާޅުވީ މި އެސޯސިއޭޝަންގެ ސަބަބުން ވޮލީ ކުޅުންތެރިންނަށް ކޮންމެ އުމުރެއްގައި ވެސް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި ކެރިއަރުގެ ކޮންމެ ހިސާބަކުންވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ ފުރުސަތު އޮތް ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ. ލަތީފް ވިދާޅުވީ މި އެސޯސިއޭޝަން ވުޖޫދަށް އައުމަކީ ވޮލީބޯޅަ އެސޯސިއޭޝަނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

އަދި އުއްމީދަކީ އަދުގެ ޒުވާން ކުޅުންތެރިން މާދަމާގެ ވެޓެރަންސް އެސޯސިއޭޝަނުން ފެނިގެންދިޔުމުގެ އިތުރުން ވެޓެރަންސް އެސޯސިއޭޝަން މެދުވެރިކޮށް ރާއްޖެއަށް ރަނގަޅު
ކާމިޔާބީތައް ލިބުން ކަމަށެވެ.

"ރާއްޖޭގަ ވޮލީބޯލް ވެޓެރަންސް އެސޯސިއޭޝަނެއް އުފެދިގެން ދިޔުމުން މިއަދުގެ ޒުވާން ކުޅުންތެރިންނަކީ މާދަމާގެ ވެޓެރަންސް. ވެޓެރަންސްއަށް އެ ކުޅުންތެރިން ވެގެންދާއިރު އެ ކުޅުންތެރިންނަށް ޔަގީންކަން ލިބިއްޖެ އެ ބޭފުޅުންނަށް ކުޅޭނެ މުބާރާތްތަކާ އެބޭފުޅުން ގައުމު ތަމްސީލުކުރުމަށްޓަކާ ވާދަކުރުމަށް ޕްލެޓްފޯމެއް ގާއިމު ކޮށްދެވިއްޖެކަން" ލަތީފް ބުންޏެވެ.

ވީއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ޑީވީވީއޭއަށް ހުރިހާ ކަމެއްގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ލަތީފް ވަނީ ދެއްވާފައެވެ. އަދި ޑީވީވީއޭ އިންވެސް ވަނީ ވޮލީބޯޅަ އެސޯސިއޭޝަން މޯލްޑިވްސްއާއެކު ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.