ޚަބަރު

ދިވެހި ވޮލީބޯޅަ ވެޓަރަންސް އެސޯސިއޭޝަން އުފައްދައިފި


ދިވެހި ވޮލީބޯޅަ ވެޓަރަންސް އެސޯސިއޭޝަން (ޑީވީވީއޭ)ގެ ނަމުގައި އެސޯސިއޭޝަނެއް ތައާރަފްކޮށް އެސޯސިއޭޝަންގެ ފުރަތަމަ ކޮންގްރެސް ބާއްވާ މަގާމުތަކަށް މީހުން އައްޔަން ކޮށްފިއެވެ. ކުރީގެ ވޮލީބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށް އުފެއްދި މި އެސޯސިއޭޝަންގެ ކޮންގްރެސްގައި ވަނީ އެސޯސިއޭޝަންގެ ރައީސް އަދި ނާއިބު ރައީސުން އިންތިހާބުކޮށް 5 މެމްބަރުންގެ އެކްސްކޯއެއް އެކުލަވާލާފައެވެ.

"އުމުރަކީ ހުރަހެއް ނޫން" މި މޮޓޯގެ ބިންގަލުގެ މަތިން ތައާރަފްކުރި އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގައިތީ އިބްރާހިމް ރަޝީދެވެ. އެއީ ހާޒިރުވެ ތިބި 16 މެމްބަރުންގެ ވޯޓް ލިބިގެންނެވެ. ނާއިބު ރައީސުންނަށް އިބްރާހިމް ފަލާހް އަދި އަހުމަދު ސުނާން އިންތިހާބު ވިއިރު ޓްރެޝަރަރ އަކަށް އިންތިހާބުކޮށްފައި ވަނީ އާދަމް ނަޝީދެވެ.
އެކްސްކޯ މެމްބަރުންގެ ގޮތުގައި އައްޔަން ކޮށްފައިވަނީ އަބްދުލް ސަލާމް، މުހައްމަދު ރަޝީދު، އަހުމަދު ޝާމިން، މުހައްމަދު މުސްތަފާ އަދި އައިމިނަތު ޒީނާއެވެ.
ޖެނެރަލް ސެކެޓްރީއަކަށް އައްޔަން ކޮށްފައިވަނީ ހަސަން ނައީމެވެ.

ޑީވީއޭއިން މައުލޫމާތު ދޭ ގޮތުގައި މި އެސޯސިއޭޝަންގެ މަގުސަދަކީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް، ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކުރާ މުބާރާތްތައް ރާވާ ހިންގުމުގައި އެ އެސޯސިއޭޝަނަށް ވާގިވެރި ވުމާއި، ވެޓަރަންސް މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ކުރީގެ ވޮލީ ކުޅުންތެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީގެ ރޫހާއި ފޯރި އިތުރު ކުރުމެވެ. އަދި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެއް ދައްކާ ބަޔަކަށް ވެ ޒުވާން ޓީމްތައް ހަރުދަނާ ކުރުމަކީވެސް ޑީވީވީއޭގެ އަމާޒެއްކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.