ޚަބަރު

ސްރީލަންކާގައި ދިން ހަމަލާއާ ގުޅިގެން ސޫރިޔާގެ ރައްޔިތަކު ހައްޔަރުކޮށްފި


މި މަހުގެ ވިހި ވަނަ ދުވަހު ސްރީލަންކާގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާ ތަޙުޤީޤުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސޫރިޔާގެ ރައްޔިތެއް ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފިއެވެ. ސްރީލަންކާގެ ފުލުހުން ބުނެފައިވަނީ މި ހަމަލާގެ ތަހްޤީޤުގައި މިހާތަނަށް ސަޅީސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ބުނެފައިވަނީ މި ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ގިނަ މީހުންނަކީ ސްރީލަންކާގެ ރައްޔިތުން ކަމަށާއި، އެހެން ނަމަވެސް މި ހަމަލާ އާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުން ހުރިތޯ ބަލަމުންދާކަމަށެވެ.

މިކަމާ ބެހޭގޮތުން ރޮއިޓަރސްއިން ގެނެސްފައިވާ ރިޕޯޓެއްގައި ސްރީލަންކާގެ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ މި ހަމަލާގެ ތަހްޤީޤުގައި އެ ޤައުމުގެ ފުލުހުން ވަނީ ސްރީލަންކާގައި އުޅެމުން ދިޔަ ސޫރިޔާގެ ރައްޔިތެއް ހައްޔަރުކޮށްފައިކަމަށެވެ. ފުލުހުންގެ އިތުރު ދެ އޮފިޝަލުންވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު ރޮއިޓަރސްއިން މި ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

މި ފަރާތްތަކުން ބުނެފައިވަނީ ސޫރިޔާގެ މި މީހާ ހައްޔަރުކޮށްފައިވަނީ، ހަމަލާއާ ގުޅުން ހުރި ސްރީލަންކާއަށް ނިސްބަތްވާ މީހުން ހައްޔަރުކޮށް ސުވާލުތައް ކުރުމަށް ފަހުގައި ކަމަށެވެ.

2099 ވަނަ އަހަރު ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު އެ ޤައުމުގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ. އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ހަމަލާގައި މަރުވި މީހުންގެ ޢަދަދު މިހާރު ތިން ސަތޭކަ ދިހައަކަށް އަރާފައިވާއިރު މި ހަމަލާގައި ފަސް ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.