ޚަބަރު

ސްރީލަންކާއަށް ދިން ހަމަލާއާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ތިން ސަތޭކައިން މައްޗަށް!


އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ތިން ސަތޭކަ ދިހައަކަށް އަރައިފިއެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކަރާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ، ހަމަލާތަކުގައި ބޮޑެތި ޒަޚަމުތައް ލިބުނު ބައެއް މީހުން މަރުވުމުން ކަމަށެވެ. އަދި ސްރީލަންކާގައި ހުންނަ ތިން ޗަރޗަކާއި ހަތަރު ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ދިން އެ ހަމަލާގައި ޒަޚަމުވި މީހުންގެ އަދަދު ފަސް ސަތޭކަ އަށް ވުރެ އިތުރުވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އާދިއްތަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ބޭރު ޤައުމުތަކަށް ނިސްބަތްވާ ތިރީސް ފަސް މީހުންވެސް ހިމެނެއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ، ޗައިނާ އަދި ޕޯޗުގަލްގެ ރައްޔިތުން ހިމެނެއެވެ.

2009 ވަނަ އަހަރު ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިނުމު ފަހުން އެ ޤައުމުގައި ދިން އެންމެ ވަރުގަދަ މިފަދަ ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އަދި އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ މި ހަމަލާއާ ގުޅުންހުރި ކަމަށް ބެލެވޭ ސާޅިސް މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.

ސްރީލަންކާގެ ސަރުކާރުން ވަނީ، އަންގާރަ ދުވަހަކީ، ޤައިމީ ހިތާމަފާޅުކުރުމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ.