ސިޔާސީ

ކައުންސިލްތަކަށް ކުންފުނިހެދުމުގެ ބާރުދީ އަންހެނުން އިންތިޚާބުކުރުން ލާޒިމުކުރަނީ


ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ ބާރުދީ، ކޮންމެ ކައުންސިލަކަށް އަންހެނުން އިންތިޚާބުކުރުން ލާޒިމްކޮށް ލާމަރުކަޒީ ޤާނޫނަށް ހުށައެޅި އިޞްލާހަށް މަޖިލީހުގެ މެންބަރުން ތަޢީދުކުރައްވައިފިއެވެ. މި އިޞްލާޙާމެދު ވާހަކަފުޅުދެއްކެވި ގިނަ މެންބަރުން ތާޢީދުކުރެއްވިނަމަވެސް އިތުރު އިޞްލާޙުތަކެއް ގެނައުމަށްވެސް ބައެއް މެންބަރުން ވަނީ ޚިޔާލުފާޅުކުރައްވާފައެވެ.

ރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ލާމަރުކަޒީ ޤާނޫނާށް އޭނާ ހުށަހެޅުއްވި އިޞްލާޙުގައި ކޮންމެ ކައުންސިލަކަށް އަންހެން ކައުންސިލަރުން އިންތިޚާބުކުރުން ވަނީ ލާޒިމްކޮށްފައެވެ. އެގޮތުން ކޮންމެ ކައުންސިލެއްގައި %33 އަންހެނުން ހިއްސާވާންޖެހޭކަމަށާ ރަށްރަށުގެ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އުޖޫރަ ކަނޑައެޅުންވެސް ހިމަނާފައިވެއެވެ.

މި ޤާނޫނަށް ހުށަހަޅާފައިވާ މުހިންމު ބައެއް އިޞްލާޙުތަކުގެ ތެރޭގައި ސިޓީއެއްގެ އާބާދީ 20000އަށްވުރެ އިތުރު ނުވާނަމަ 5 ކައުންސިލަރުން އަދި 30000އަށްވުރެ އާބާދީ އިތުރުނުވާނަމަ 7 ކައުންސިލަރުން އިންތިޚާބުކުރުން ވަނީ ލާޒިމްކޮށްފައެވެ.

އަދި ސިޓީތަކުގައި ކޮންމެ ރަށަކަށް ނިސްބަތްވާ ކައުންސިލަރަކު ހުންނަންވާނެކަމަށާ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އެލްޖީއޭގެ މެންބަރުންގެ ޢަދަދު 9އަށް އިތުރުކުންވެސް ހިމަނާފައިވެއެވެ. މިހާރު އެލްޖީއޭގައި ތިއްބަވަނީ 5 މެންބަރުންނެވެ. މީގެއިތުރުން ކައުންސިލްތަކަށް ކުންފުނިހެދުމުގެ ބާރުދީ އެކުންފުނިތަކުން މަޝްރޫޢުތައް ހިންގޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ކައުންސިލްތަކުން ފޯރުކޮށްދޭގޮތަށްވެސް އިޞްލާޙުގައި ހިމަނުއްވާފައިވެއެވެ.

މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް %5 ކަނޑައެޅުމަށްވެސް މިއިޞްލާޙުގައި ކަނޑައަޅާފައިވެއެވެ. އަދި ކައުންސިލްތަކުގެ އިޚްތިޞާސްގެ ދަށުގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީގެ %40ވެސް ކައުންސިލްތަކަށް ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވީ، މި އިޞްލަޙުތކާއެކު ކުރީސަރުކާރުން ނެގި ބާރުތައް ލިބި އެކައުންސިލްތަކަށް ހުރި ގޮންޖެހުންތަކަށް އިތުރު ލުޔެއް ލިބޭނެކަމަށެވެ.

"ފާއިތުވި ފަސް އަހަރުގެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ވަނީ ނިގުޅައިގަނެފައި. މިއީ އެބާރުތައް އަނބުރާ ހޯދައިދިނުމާ ބާރުތައް ދެމިގެންދާނެގޮތް ކަށަވަރުކުރުމުގެ މަޤްޞަދުގައި ހުށައެޅި އިޞްލާހެއް" ޢަލީ ނިޒާރު ވިދާޅުވިއެވެ.

މި އިޞްލާހަށް ވާހަކަފުޅުދެއްކެވި ގިނަ މެންބަރުން ވަނީ އިޞްލާހަށް ތާޢިދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ބައެއް މެންބަރުން އެބިލަށް އިތުރަށް ގެންނަން ފެންނަ އިޞްލާޙުތައްވެސް ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރުވެސް ޓޫރިޒަމްގެ ޤާނުނުގެ ދަށުން ބައެއް ރަށްރަށް އެމިނިސްޓްރީގެ ބެލުމުގެ ދަށުން އެބަހުރި ދޫކޮށްފައި. ދެން މިއިޞްލާޙުން ކައުންސިލްތަކުގެ އިޙްތިޞާސްގައި އެސަރަހައްދެއް ހިމެނުމުން ކައުންސިލްތަކުގެ ދަށަށް އެރަށެއް ބަދަލުވާނެތޯ މިއީވެސް ސާފުވާންޖެހޭ ކަމެއް". ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ވަނީ މަޖިލީހުގެ ދައުރު ހަމަވާން ދެދުވަހަށް ވުމުން ބިލް އެޖެންޑާކޮށް ބަހުސްކުރުމަށް ހުޅުވާލުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އިއްޒތްތެރި ރައީސް! ދެން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އައު މަޖިލީހާ މި ބިލް ހަވާލުކުރުންކަމަށް އަޅުގަނޑުދެކެނީ." އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވަނީ އަވަސްއަވަހަށް ކައުންސިލް އިންތިޚާބު ބާއްވަންޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާވަނީ މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބު އެކުގައި ބެއްވުމަށް ގޮވާލައްވާފައެވެ.

"ރިޔާސީ އިންތިޚާބު ފިޔަވައި ދެންއޮތް ދެއިންތިޚާބު އެއް އިންތިޚާބަކަށް ހަދައިފިނަމަ ކިތައްރައްޔިތުންނަށް އެކަމުގެ ފަސޭހަލިބިގެންދާނެތޯ؟" އާމިރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަކީ މިހާތަނަށް އެންމެގިނަ އިޞްލާޙު ގެނެސްފައިވާ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންވަނީ ކުރީ ސަރުކާރުން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ބާރުތައް އަލުން ދެއްވަން ފަށްޓަވާފައެވެ.