ދިވެހި ޑޮކްޓަރުންނަކީ މިހާރަށްވުރެވެސް ޤާބިލުބަޔަކަށް ވުމަށްތަކައި ޢިލްމީ ދިރާސާކުރުމަކީ މުހިންމު ކަމެއްކަމަށާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ދިވެހި ޑޮކްޓަރުން އެކަންކުރުން މުހިންމުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އައިޖީއެމްއެޗާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެފިލިއޭޝަން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އައިޖީއެމްއެޗާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ޢަމަލީ ތަޖުރިބާ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންނާގުޅިގެން ކުރިއަށް ގެންދިއުމާގުޅޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ރާއްޖޭގައިތިބި ފުންނާބުއުސް ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މެޑިކަލް ދަރިވަރުންގެ ޢަމަލީ ތަޖުރިބާތައް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ މި ޕްރޮގްރާމްގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމެއްކަމަށެވެ. އަދި މިއީ ޑޮކްޓަރުންގެ ކުރިއެރުމަށްވެސް ލިބޭ ފުރުޞަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ހަރުދަނާ ޕްރޮފެސަރުންތަކަކަށްވުމަށް ދިރާސާއަކީ ވަރަށް މުހިއްމު ބައެއްކަމަށާއި އެކަމަށްޓަކައި ޔުނިވަރސިޓީގައި ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ހުރިހާ ޑޮކްޓަރުންވެސް ހިއްޕަވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ އައިޖީއެމްއެޗުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ ތެރެއަށް ޢިލްމީ މަސައްކަތްތައް ހިމެނުމުގެ ވިސްނުން ގެންގުޅުއްވާނެކަމަށް. މުސްތަޤުބަލުގައި ޢިލްމީ ދިރާސާތައް ފެންނަން ހުންނާނެ ގޮތްވުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި މިހާރުވެސް ވަރަށް ގިނަ ޢިލްމީ މަޢުލޫމާތާއި ޑޭޓާ ހުންނާނެ. އެހެންވީމަ މިމަސައްކަތްކުރައްވާނެކަމަށް އަޅުގަނޑު އުއްމީދުކުރަން" ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ މެޑިކަލް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން އެހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން ފުރިހަމައަށް ލިބޭނެކަމަށެވެ.
"ހަމައެކަނި ސޮއިކޮށްލުމަކުން ނުފުދޭނެ. ދެފަރާތް ގުޅިގެން މަސައްކަތްކުރަންޖެހޭ އެބަ. އަޅުގަނޑު ޔަގީންކަން އަރުވަން މިޕްރޮގްރާމް ކުރިއަށްގެންދަށް އަޅުގަނޑުމެންގެ ޑޮކްޓަރުންތިބީ ތައްޔާރަށްކަން. އެފުރުސަތު އެބޭފުޅުންނަށްވެސް ދެއްވާނެކަމަށް އަޅުގަނޑު އެދެނީ." އިބްރާހީމް ސަލީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ މިއެއްބަސްވުމަކީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދުތައް ވަރަށް ފޮނި. އަމާޒަކީ މިޕްރޮގްރާމަކީ މިރީޖަންގައިވެސް ހިންގާ ކާމިޔާބު ޕްރޮގްރާމަކަށް ހެދުން.އެކަމަށްޓަކާއި އކުރެވުނު މުހިއްމު މަސައްކަތެއް މިއެއްބަސްވުމަކީ. ރާއްޖޭގައި ހުރި އެންމެ ރަނގަޅު ހޮސްޕިޓަލާއެކު އަޅގަނޑުމެން މަސައްކަތްކުރުމަށް މިނިންމީ." ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޔުނިވަރސިޓީގެ އެމްބީބީއެސްގެ ދަރިވަރުންގެ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ. މިކަމާގުޅޭ އެއްބަސްވުމުގައި އައިޖީއެމްއެޗުގެ ފަރާތުން ސޮއިކުރެއްވީ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފެވެ.