ޚަބަރު

މަޖިލީހުގެ ރައީސަކަށް އަންހެނަކު ހުރުން ހުއްދައެއް ނޫން- ޑރ.އިޔާޒް


ބައެއް ހާލަތްތަކުގައި ޤައުމު ހިންގުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަވާލުވެވަޑައިގަންވަންޖެހޭކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ މަޖިިލީހުގެ ރައީސަކަށް އަންހެނަކު ހުރުމަކީ ދީން ހުއްދަކުރާކަމެއް ނޫންކަމަށް މަޝްހޫރު ދީނީ ޢިމްލުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެ.

19 ވަނަ ރައްޔިތުން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން އަންހެން ކަނބަލުންގެ ތެރެއިން ދޭ ބޭފުޅަކު ވަނީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ރައީސްކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. އަދި ނާއިބު ރައީސްކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ކުރެއްވި ޓްވީޓެއްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއްކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ކުރެއްވި ޓްވީޓެގައިވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަންހެނުން ކުރިމަތިލުން ހުއްދަކަމަށާއި، އައު ޤާނޫނު އަސާސީ އެކަށައަޅާފައިވަނީވެސް އިސްލާމް ދީނުގެ އަސާސްތައް ދިރާސާކުރުމަށްފަހުކަމަށް ވިދާޅުވެފައެވެ.

ދިޔާނާގެ ޓްވީޓަށް ރައްދުދެއްވާ އަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ.މުހައްމަދު އިޔާޒް ވިދާޅުވީ، ޤައުމުގެ ރައީސް އާއި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި ޤައުމު ހިންގުމާއި ޙަވާލު ވާނީ މަޖިލީހުގެ ރައީސްކަމަށާއި، ޤައުމެއްގެ އެންމެ އިސްވެރިޔާއަކަށް އަންހެނަކު ހުރުން އިސްލާމްދީން ޙުއްދަނުކުރާކަމަށެވެ.

ޤާނޫނު އަސާސީގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ ވާޖިބުތައް އަދާކުރާން ހުރަސްއެޅޭފަދަ ދާއިމީ ޙާލަތެއް ކުރިމަތިވެގެން އެ ދެމަޤާމު އެއް ފަހަރާ ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް އަލުން މީހުން އިންތިޚާބުކުރެވެންދެން އެ ދެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި މަޤާމަށް ރޮޒައިނާ އާދަމްގެ އިތުރުން 5 ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މަޖިލީހުގެ ސުޕަރމެޖޯރިޓީ ނެގި އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް 5 މެމްބަރަކު ވާދަކުރުމަށް ޝައުގުޥެރިކަން ފާޅުކުރުމުން އެ މަޤާމުގެ ވާދަވެރިކަންވެސް ވަނީ އުފެދިފައެވެ. އަދި އެ މަޤާމަށް ނަގާނެ ބޭފުޅަކު ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވޯޓް ނަގާނެ ގޮތަކާއި މެދުވެސްވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.