ޚަބަރު

މަހިބަދޫގައި ބޭއްވި މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި


އދ. މަހިބަދޫގައި ބޭއްވި "މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިއީ ވަރލްޑް ބޭންކްގެ ހިލޭ އެހީއާއިއެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގި ހަރަކާތެކެވެ. މި ތަމްރީން ޕްރޮގްރާމްގެ ނިންމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ ޒަހާ ވަހީދެވެ.

ތަމްރީން ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ މެރިން ރިސާރޗް ސެންޓަރާއި އދ. އަތޮޅު ކައުންސިލް ގުޅިގެން މިމަހުގެ 16 އިން 22 އަށެވެ. އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 30 ފަރާތަކުން މި ތަމްރީން ޕްރޮގުރާމްގައި ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގުރާމްގައި ބައިވެރިންނަށް މެރިކަލްޗަރ ކުރުމަށް ބޭނުންކުރާ ތަފާތު ގޮތްތަކާއި، މެރިކަލްޗަރ މަސައްކަތްތަކުގައި ބަލަންޖެހޭ ކަންކަމާއި، މެރިކަލްޗަރަށް ބޭނުންވާ ދިރޭ ކާނާ އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ތަމްރީނުގައި ތިއަރީ ބައިތަކުގެ އިތުރުން މެރިކަލްޗަރާއި ގުޅުންހުރި މުހިންމު އަމަލީ މަސައްކަތްތައްވެސް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން މެރިކަލްޗަރ ދާއިރާއިން ރާއްޖޭގައި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މިއީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ގާއިމު ކުރުމަށް ބޭނުންވާ ހޭލުންތެރިކަން އުފައްދައި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ހިންގޭ ހަރކާތްތަކުގެ ތެރެއިން ހަރަކާތެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. "ސަސްޓެއިނަބަލް ސިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ފިޝަރީޒް މިނިސްޓްރީން އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.