ޚަބަރު

ޓްރެއިނިންގެ ކޭމްޕްގެ މަގްސަދު ހާސިލްވޭ - މެނޭޖާރ ފައިސަލް


ޓްރެއިނިންގް ކޭމްޕްގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލްވެގެންދާކަމަށް ޒުވާން ގައުމީ ކްރިކެޓް ޓީމުގެ މެނޭޖާރ މުޙައްމަދު ފައިސަލް ބުނެފިއެވެ.

ފައިސަލް ބުނީ މާލޭގައި ކުޅުންތެރިންނަށް އޭސީސީފަދަ ވަރުގަދަ މުބާރާތަކަށް ތައްޔާރުވާން އެކަށީގެންވާ ވަރުގެ ވަސީލަތްތަށް ނުހުންނަ ކަމަށާއި، ލަންކާގައި، ޓާފް ޕިޗުގައި ފަރިތަކުރަން ލިބުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނަކަމަށެވެ.

ފައިސަލް ބުނީ، އޭސީސީ މުބާރާތުގައި 50 އޯވަރަށް ކުޅެންޖެހޭއިރު، މުޅި މެޗް ފަންސާސް އޯވަރަށް ރާވާލައިގެން ކުޅުމަށް، ޓްރެއިނިންގެ ކޭމްފްގައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މީގެ ކުރިން ޒުވާން ޓީމު ގިނައިން 20 އޯވަރުގެ މެޗުތަށް ކުޅެފައިވުމުން، 50 އޯވަރަށް ރާވާލުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކަކާއި ކުރިމަތިވާކަމަށް ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ ކޭމްޕްގައި އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ޓީމް އެކަތި ގަނޑަކަށް ހަދައި މުބާރާތުގެ ކުރިން ޓީމްވޯކް ރަނގަޅުކުރަން ކަމަށެވެ. އެގޮތުން މިހާތަނަށް މިކޭމްޕްގައި ކުޅުނު މެޗުތަކުންވެސް ކުޅުންތެރިންނަށް ރަނގަޅު ދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭކަމަށްވެސް ފައިސަލް ބުންޏެވެ.

ލަންކާގައި ގައުމީ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމުން މާދަމާ އެންމެ ފަހުގެ ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށްފަހު 23ވަނަ ދުވަހު އޭސީސީ ނަވާރަ އަހަރުން ދަށުގެ މުބާރާތަށް ދުބާއީއަށް ފުރާނެއެވެ.