ވިޔަފާރި

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި


ސައިކަލުން ޑިއުޓީ ބޮޑު ނުކުރުމަށާއި، އަންނައުނުގެ ބާވަތްތަކުން ޑިއުޓީ
ކަނޑާލުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށައަޅާފައިވާ
އިސްލާޙުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހޯމަ ދުވަހު ބަލައިގެންފިއެވެ.



ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން
ހުށައަޅުއްވާފައިވާ އެއިސްލާހު މަޖިލީހަށް ބަލައިގަތީ ސާޅީސް ނުވަ މެމްބަރުންގެ
އިއްތިފާގުންނެވެ. ބިލް މަޖިލީހަށް ހުށައެޅުއްވި މެމްބަރު ޖަމީލް އުސްމާން
ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން،
ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގް ކުރެއްވުމާ ހަމައަށް ނަގާފައިވާ ޑިއުޓީ
އަނބުރާ ޑިއުޓީ ދެއްކި ފަރާތްތަކަށް ދިނުމަށް އެބިލްގައި ހިމަނާފައިވާނެކަމަށެވެ.



ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަށް ނުވަދިހަ ނުވައަހަރަށް
އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ގާނޫނަށް ހޯރަފުށީ ދާއިރާގެ މެމްބަރު
މުހައްމަދު އިސްމާއިލް ހުށައެޅުއްވި އިސްލާހުގެ ބިލްވެސް ވަނީ ސާޅީސް އަށް
މެމްބަރުންގެ އިއްތިފާގުން މިއަދުގެ ޖަލްސާއަށް ބަލައިގެންފައެވެ. މުހައްމަދު
އިސްމާއިލް ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، މިހާރު ފަންސާސް
އަހަރަށް ކުއްޔަށްދޫކޮށްފައިވާ ރިސޯޓްތަކުގެ މުއްދަތު އިތުރު ސާޅީސް ނުވައަހަރަށް
އިތުރު ކުރެވިދާނެކަމަށެވެ. މި އިސްލާހުގައި ވާގޮތުން 99 އަހަރަށް ދޫކުރާ
ރަށްރަށުން ޑައުންޕޭމަންޓްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ސަރުކާރަށް
ދައްކަންޖެހޭނެކަމަށެވެ.



މުހައްމަދު އިސްމާއިލް ވިދާޅުވީ މިހާރު ތިމާވެއްޓާއި ގުޅުންހުރި އީއައިއޭ
ރިޕޯޓް ހެދުން ލާޒިމްކޮށްފައިވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން
ކަމުގައި ވީނަމަވެސް، އޭނާ ހުށައެޅުއްވި އިސްލާހުގައި އެމަސައްކަތް ކުރަންޖެހޭނީ
ޓުއަރިޒަމް މިނިސްޓްރީންކަމަށެވެ. އެގޮތަށް ހަމަޖެއްސީ އެއްތަނަކުން ހުރިހާ
ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައިކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.



ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އެއިސްލާހުގައި ވާގޮތުން ތިމާވެއްޓާއި
ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ގަވާއިދުތަކާއި ޚިލާފްވާ ފަރާތްތައް 5
މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެމިނިސްޓްރީއަށް
ލިބިގެންވެއެވެ. މީގެ އިތުރުން ޖިނާއީ ކުށެއް
ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް
ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް  ގެނައި އިސްލާހު ތަސްދީގުނުކޮށް އަލުން ވިސެނުވުމަށް ރައީސުލްޖުމްހޫރިއްޔާ
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްވެސް ވަނީ އަލުން ދިރާސާކުރުމަށް ގައުމީ
ސަލާމަތު ކޮމިޓީއަށް ފޮނުވުމަށް މިއަދުގެ ޖަލްސާއިން ފާސްކޮށްފައެވެ.