ވިޔަފާރި

ރަމަޟާންމަހު މިފްކޯގެ އުފެއްދުންތައް ދަތިކަމެއްނެތި ލިބޭނެ


ކުރިއަށްއޮތް ރަމަޟާންމަހުވެސް މިފްކޯގެ އުފެއްދުންތައް ދަތިކަމެއްނެތި އާއްމުނަށް ލިބޭނޭކަމަށް މިފްކޯއިން ބުނެފިއެވެ.

ރަމަޟާންމަހަށް މިފްކޯއިން ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ލޯކަލް ސޭލްސް ހެޑް އަހްމަދު ހާޝިމް ވިދާޅުވީ، ރަމަޟާން މަހަކީ މިފްކޯގެ އުފެއްދުންތަކުގެ ޑިމާންޑް އާދަޔާ ޚިލާފަށް އިތުރުވާ މަހެއްކަމަށެވެ. މިގޮތުން ދަޅުމަހުގެ އުފެއްދުންތަކާއި ވަޅޯމަހާއި ރޯމަހާއި ފަރުމަހަށް އޮންނަ ޑިމާންޑް ވަރަށްބޮޑަށް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހާޝިމް ވިދާޅުވީ މިފްކޯއިން މަސައްކަތްކުރަމުން ދަނީ ރަމަޟާންމަހު މިފްކޯއިން ވިއްކާ މަހުގެ ބާވަތްތައް ހުސްނުވެ އާއްމުނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކަމަށާއި، މިހާރުވެސް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
މިގޮތުން ރަމަޟާންމަހަށް ޚާއްސަ ކޮށްގެން، މިފްކޯގެ ފަސްމީރު ފިހާރައިގެ ޚިދުމަތް އަވަސް ކުރުމުގެ ގޮތުން އިތުރު ސޭލްސް ކައުންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ.

މިފްކޯ އިން އަންނަނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ހާއްސަކޮށް އެކުންފުނިން ވިއްކާ އުފެއްދުންތަކުގެ އަގުތައްވެސް ހެޔޮކުރަމުންނެވެ. މިގޮތުން މިފަހަރުގެ ރަމަޟާންމަހުވެސް މިފްކޯއިން ވިއްކާ ދަޅުމަހާއި އެނޫންވެސް އުފެއްދުންތަކުގެ އަގުތަކަށް ހެޔޮ ބަދަލުތައް އަންނާނޭކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު މިފްކޯއިން ކުރިއަށްގެންދާ އުމުރާ ދަތުރުލިބޭ ޕްރޮމޯޝަން މިފަހަރުވެސް ކުރިއަށްގެންދާނޭކަމަށް އެކުންފުނިން ބުނެއެވެ.