ޚަބަރު

500 އިންފޮމޭޝަން އޮފިސަރުގެ ޢަދަދު މަދު - ކޮމިޝަނަރ


އިންފޮމޭޝަން
އޮފިސަރުންގެ ގޮތުގައި މިހާތަނަށް ދައުލަތުގެ އިދާރާތަކުން ހަމަޖެއްސިފައިވަނީ،  500 އެއްހާ އޮފިސަރުންކަމަށާއި އެ އަދަދަކީ
އެންމެ ހިތްހަމަޖެހޭ އަދަދު ނޫންކަމަށް އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް އަޒީޒް
ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.



އިންފޮމޭޝަން
ކޮމިޝަނުގެ މަސައްކަތްތަކާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން
އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، އެކޮމިޝަނަށް
މިހާތަނަށް ސަރުކާރުގެ އިދާރާތަކުގެ ގޮތުގައި ކަނޑައެޅިފައިވަނީ 1286 އިދާރާކަމަށާއި، އޭގެ ތެރެއިން އޮފިސަރުން
ކަނޑައެޅިފައިވަނީ ފައްސަތޭކަ ތޭވީސް އިދާރާއަކަށް ކަމަށެވެ. ގިނަ އިދާރާތަކަށް
އިންފޮމޭޝަން އޮފިސަރުން ކަނަޑނޭޅިގެން އުޅެނީ، ބައެއް އިދާރާތަކުގައި މީހުން
މަދުވުމާއި، ބައެއްތަންތަނުން އިންފޮމޭޝަން އޮފިސަރުންގެ ގޮތުގައި ތަންތަނުގެ
އިސްވެރިން ހަމަޖައްސާތީކަމަށާއި،  ބައެއް
އިދާރާތަކުގެ އިސްވެރިން އިންފޮމޭޝަން އޮފިސަރުންގެ ގޮތުގައި ކަނޑައެޅުމަކީ، ގާނޫނުގެ
ރޫހާ ޚިލާފްކަމެއްކަމަށް އަޒީޒް ވިދާޅުވިއެވެ.



އިންފޮމޭޝަން
އޮފިސަރުން ކަނޑަނާޅާތަންތަނުން މިމަހުގެ ފަނަރަ ވަނަދުވަހުގެ ނިޔަލަށް އޮފިސަރުން
ކަނޑައެޅުމަށް މުހުލަތުދީފައިވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.



އިންފޮމޭޝަން
އޮފިސަރުންގެ މައުލޫމާތާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން
ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ގޮތަށް އެކޮމިޝަނުގެ
ވެބްސައިޓް މިމަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު އިފްތިތާހު
ކުރެވޭނެކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަގުސަދަކީ ދައުލަތުގެ
އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގާއިމްކުރުންކަމަށް އަބްދުލް
އަޒީޒް ޖަމާލްއަބޫބަކުރު ވިދާޅުވިއެވެ.



މިދިޔަ އަހަރުގެ މެދެއްހާތާނގައި މަސައްކަތް ފެށުނު
އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް މިހާތަނަށް ހުށައެޅުނު 14 މައްސަލަވެސް ސަތޭކަ
އިންސައްތަ ހައްލުކޮށްފައިވާއިރު، ހުށައެޅޭކަންކަން ހައްލުކުރުމުގައި ދައުލަތުގެ
އިދާރާތަކުން އެއްބާރުލުން ލިބޭކަން އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މައުލޫމާތު
ހާމަކުރުމުގެ އެންމެ މަތީ މިންގަނޑާއި، އެންމެ ދަށްމިންގަނޑު އެކަށައަޅައި ގެޒެޓްގައި
ޝާއިޢު ކުރުމަށް ބަނޑާރަނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް އިންފޮމޭޝަން
ކޮމިޝަނަރގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.