ޚަބަރު

އާސެނަލްއަށް އަމިއްލަ ދަނޑުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ


ޕްރިމިއަރ ލީގުގައި ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ އާސެނަލް ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސް އަތުން 3-2 އިން ބަލިވެއްޖެއެވެ.

މި މެޗުން ބަލިވުމުން ގަދަ ހަތަރެއް ޔަގީން ކުރުމަށް އާސެނަލަށް މިވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކްރިސްޓަލް ޕެލޭސްގެ ކްރިސްޓިއަން ބެންޓެކޭ ޖަހާފައިވަނިކޮށް އާސެނަލަށް ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އޮޒިލްއެވެ. އޭގެފަހުން ކްރިސްޓަލް ޕެލެސް އިން ވަނީ އިތުރު ދެ ލަނޑު ޖަހައި އާސެނަލް ސިއްސުވާލާފައެވެ.
އެޓީމުގެ ދެ ވަނަ ލަނޑު ވިލްފްރެޑް ޒަހާ ޖެހިއިރު ތިން ވަނަ ލަނޑު ޖެހީ ޖޭމްސް މެކާތޫއެވެ. މެޗު ނިމުމުގެ ކުރިން އާސެނަލަށް ފަރަގު ކުޑަކޮށްދިނީ އައުބަމެޔަންގއެވެ.

އާސެނަލާއެކު ލީގުގެ ގަދަ ހަތަރަށް ވާދަކުރާނީ ޓޮޓެންހަމް ހޮޓްސްޕާސް، ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑެވެ. ތާވަލުގެ ތިން ވަނައިގައި 67 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ހަތަރު ވަނައިގައި އޮތް އާސެނަލާއި ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 66 ޕޮއިންޓް ލިބިފައެވެ.
ތާވަލުގެ ހަ ވަނައިގައި އޮތީ 64 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑެވެ.