ޚަބަރު

ރޫނީއަށް ޑީސީ ޔުނައިޓެޑް، ނިއުޔޯކް އެފްސީ ކައިރިން ސަލާމަތް ނުކުރެވުނު


މޭޖަރ ލީގްގައި ނިއުޔޯކް ސިޓީ އެފްސީގެ މި ސީޒަންގެ ފުރަތަމަ މޮޅާއެކު ވޭން ރޫނީގެ ޓީމް ޑީސީ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ލީގު ތާވަލްގެ އެއްވަނައިގަ އޮތް ޑީސީ ބަލިކޮށް ތާވަލުގެ ފަހަތުން ތިންވަނައިގަ އޮތް ނިއުޔޯކް ސިޓީ މެޗް ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.
ނިއުޔޯކް ސިޓީވަނީ މިމޮޅާއެކު ތާވަލުގެ ފަހަތުން ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗްގެ އެކާވީސް ވަނަ މިނެޓްގައި ކުރީގެ މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރ ރޫނީ އަށް ވަނީ ޑީސީ ޔުނައިޓެޑަށް ލީޑް ނަގައިދިނުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުމުން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

ނިއުޔޯކް އެފްސީއިން މެޗްގެ ފުރަތަމަ ގޯލްޖެހީ 34 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑީސީ ޔުނައިޓެޑްގެ ޑިފެންޑަރ ގާތުން ނައްޓާލުމަށްފަހު އެލެކްސެންޑްރޫ މިޓްރީޓާ ދިން ޕާހަކުން މި ގޯލް އެޓީމަށް ޖަހައިދިނީ ހީބާރ އަރައޫޖޫއެވެ. މިއީ މޭޖަރ ލީގްގައި ހީބާރގެ ފުރަތަމަ ލަނޑެވެ. ދެވަނަ ހާފްގައި ނިއުޔޯކް އެފްސީގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ހީބާރއެވެ. އަދި މި މެޗަކީ ހީބާރ ނިއުޔޯކް އެފްސީއަށް ކުޅެދިން ތިން ވަނަ މެޗެވެ، އަދި ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ،ލިބުނު ފުރަތަމަ މެޗް ކަން ފާހަގަކޮށްލެވެއެވެ.

މެޗުން ދެން އެންމެ ފާހަގަ ވެގެންދިޔައީ ނިއު ޔޯކް ސިޓީގެ ކީޕަރު ޝޯން ޖޯންސަންއެވެ. އޭނާ ވަނީ މުހިންމު ދަނޑިވަޅު ތަކުގައި މުހިންމު ސޭވްތަކެއް ކޮށްދީ ތާވަލުގެ އެއްވަނަ ޓީމްގެ ފޯވާޑް ލައިން ގޯލްޖެހިޔަނުދީ ހިފަހައްޓާލާފައެވެ.