ޚަބަރު

"މޯލްޑިވްސް ފައިނޭންސް ފޯރަމް" ފަށައިފި


ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ފަށައިފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް މި ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތައް އެއްތަނަކަށް ޝާމިލްވެ ރާއްޖެއަށް އިޤްތިސާދީގޮތުން ގެނެވޭނެ ކުރިއެރުންތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ.
މިއަހަރުގެ ފިނޭންސް ފޯރަމްގެ ޝިޢާރަކީ "އެންގޭޖިންގ ޕްރައިވެޓް ސެކްޓަރ ފޯރ ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް" އެވެ. މި ޝިޢާރުގެ ދަށުން މާލީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން މި ފޯރަމްގައި ބައިވެރިވެފައިވެއެވެ.

މި ފޯރަމްގައި ވާހަކަދައްކަމަވުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ޕްރައިވެޓް ސެކްޓަރގެ ދައުރު ވަރަށް މުހިއްމުކަމަށް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާކުރިއެރުވުމަށް ދައުލަތުގެ މުއައްސަސާތަކާއި އެއްވަރަށް ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. އަދި މިކަން ކުރެވޭނީ ވިޔަފާރީގެ ގުޅުން ހަރުދަނާކޮށް އެކި ދާއިރާތަކަށް އިޤްތިސާދީގޮތުން ކުރިއެރުން ހޯދައިދީގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރުގެ ފޯރަމްގައި ފައިނޭންސްގެ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވެ ޕްރެޒެންޓޭޝަން ހުށައަޅައިދީފައިވެއެވެ. އޭގެތެރޭގައި ރެޖިސްޓްރާ އޮފް ކޮންޕެނީ މަރިޔަމް ވިސާމްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދުއާއި އިކޮނޮމިކް މިނިސްޓްރީގެ އައިޑީބީ ޕްރޮޖެކްޓް މެނޭޖަރ ލަމްޔާ އިބްރާހިމް ހިމެނެއެވެ.
މީގެއިތުރުން ޒުވާން 3 ވިޔަފާރިވެރިއެއް އެމީހުންގެ ވިޔަފާރި ކުރިއަރައިދިޔަގޮތްވެސް މި ފޯރަމްގެ ތެރެއިން ބައިވެރިންނަށް ހިއްސާކޮށްފައިވެއެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމްގައި ކީ ނޯޓް ސްޕީކަރެއްގެ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބައިވެރިވެފައިވާއިރު ފޯރަމްގެ ޚާއްސަ މެހުމާނެއްގެ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރ އަހުމަދު ނަސީރު ވެސް ވަނީ މި ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ.