ސިޔާސީ

ތަރިކައަށް ގެއްލުންދޭ ފަރާތްތައް ކުށްވެރިވާ ބިލަށް މެންބަރުން ތާއީދު


ރާއްޖޭގެ ޘަޤާފަތާއި ތަރިކައަށް ގެއްލުންދޭ ފަރާތްތައް ކުށްވެރިވާގޮތަށް މަޖިލީހަށް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލަށް މެންބަރުން ތާޢީދުކުރައްވައިފިއެވެ. މި ބިލް މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބަޔާންކޮށްފައި ވަނީ، ކޮންމެ ރަށެއްގައި ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރުތައް ހިމެނޭ ތަންތަން ޙިމާޔަތްކުރުމުގައި ދައުލަތާއި އަމިއްލަ ފަރުދުންގެ ޤާނޫނީ ޒިންމާކަނޑައެޅުމެވެ. އަދި ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކަ ކަމަށް ބެލެވޭނެ ތަކެއްޗާއި، ތަންތަނާއި، ސަރަޙައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

މި ބިލުގައި ވަނީ އާޘަރާއި ތަރިކައާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނެ ގޮތްތަކާއި އެތަކެއްޗަށް ޒިންމާވާނެ ފަރާތްތަކާއި އާޘަރީ އެއްޗެއް އަލަށް ފެނިއްޖެނަމަ އަމަލު ކުރާނެ ގޮތްތައް ތަފްސީލްކޮށް ބަޔާންކޮށްފައެވެ. ބިލް މަޖިލީހަށް ހުށައަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުގައި ރާއްޖޭގެ އާޘަރީ ގިނަ ތަކެއްޗަށް ގެއްލުންދީފައިވާކަމަށެވެ. އަދި ބައެއް އާޘާރުތައް ނައްތާލައި ބައެއް ތަކެތި ވިއްކުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. އެހެންކަމުން އެފަދަ ޢަމަލެއް ހިންގާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅިގެންދާނޭކަމަށް އީވާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެތައް ތަރިކައަކަށް ގެއްލުންދީފަ. ކަޅުވަކަރު މިސްކިތާއި މާފަންނު ޒިޔާރަތް މިސްކިތުގައި ހުރި ޒިޔާރަތް ވިއްކާލަށް އުޅުނު. އުސްގެކޮޅު ނަގަން އުޅުނުތަން ދުށިން. މިދިޔަ އަހަރު ބަޖެޓްގައި ހިމަނައިގެން ބިހުރޯޒު ކަމަނާ މިސްކިތް ނަގާ ޕާކިންގ އިމާރާތެއް އަޅަން އުޅެފި. ޘަޤާފީ ތަރިކަ ހިމާޔަތްކުރުމަކީ އެތައް ޒަމާންތަކަކށް ވާރުތަކުރާނެހެނެހެން އަޅުގަނޑުމެންގެ ޒިންމާއެއް" ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

މި ބިލަށް ވާހަކަ ދެއްކެވި މެންބަރުންވެސް ބިލަށް ވަނީ ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ. އެ މެންބަރުން ވިދާޅުވީ، ދިވެހިންގެ ޘަޤާފަތުގެ މައިގަނޑު އަސާސަކީ އިސްލާމް ދީންކަމަށާއި، ތަރިކައަކީ ރާއްޖޭގެ އިޤްތިޞާދަށްވެސް މުހިންމު އެއްޗެއްކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

"އެމްޑީޕީގެ މެނިފެސްޓޯގައި އެންމެ މުހިންމު އެއްކަންތައް އެއީ ޘަޤާފަތާއި ތަރިކަ ރައްކާތެރިކުރުން. އަދި ޘަޤާފަތާ ތިމާވެށްޓަކީވެސް ރައކާތެރިކުރަންޖެހޭ މުޅި އިޤްތިޞާދާ ގުޅިފައިވާކަމެއް. އެ ދެކަންތައް ހިމާޔަތްކޮށްގެން އިޤްތިޞާދުވެސް ރަނގަޅުވާނީ" މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގެ ޘަޤާފީ ތަރިކައަކަށް ގެއްލުން ދީފިނަމަ އެ އެއްޗެއްގެ އަގަށް ބަލައި އެމީހަކު އެއްލައްކަ ރުފިޔާ އާއި އެއްމިލިއަން ރުފިޔާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ނުވަތަ ފަސް އަހަރާއި ވިހި އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.