ޚަބަރު

ސިނގިރޭޓް އެތެރެކުރުމަށް އަހަރަކު 1.6 ބިލިއަން ރުފިޔާ


ސިނގިރޭޓް އެތެރެކުރުމަށް ދިވެހިރާއްޖެއިން އަހަރަކު 1.6ބިލިއަން ރުފިޔާ ޚަރަދުކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފިއެވެ. ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދިވެހިރާއްޖޭގެ އާބާދީގެ 44 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ.

ސިނގިރޭޓަކީ އޭގެ ބޭނުންކުރާ މީހުންނަށް ކެންސަރާއި، ނޭވާ ހިއްލުމާއި، ހިތުގެ ބަލިތަކާއި، ނިއުމޯނިއާ އާއި، ދަރިމައިވުމުގެ ސިއްޙަތު ފަދަ ބޮޑެތި ސިއްޙީ މައްސަލަތަކަށް އޭގެ ނުރައްކާ އެއްޗެކެވެ. އަދި ސިނގިރޭޓަކީ ޢާއްމު ސިއްޙީ ޙާލަތު ރަނގަޅުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ހެލްތް ޕްރޮޓެކެޝަން އެޖެންސީ އެޗްޕީއޭއިން ދެކެވެ. މި ނޭދެވޭ އާދަ ދިވެހިންގެ ތެރެއިން ނައްތާލުމަށް ހެލެތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރާއްޖޭގައި ސްކޫލް ކުދިންގެ މެދުގައި ކުރިއަށްގެންދިޔަ ސަރވޭއަކުން ދައްކާ ގޮތުގައި، ސްކޫލް ކުދިން ދުންފަތުގެ އިސްތިއުމާލް ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
13 އަހަރާއި 17އަހަރާއި ދެމެދުގެ ސްކޫލް ދަރިވަރުންގެ މެދުގައި ކޮށްފައިވާ މި ސަރވޭ ދައްކާގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމް ހާސލްކުރަމުންދާ ދަރިވަރުންގެ 12.3 އިންސައްތަ ދުންފަތުގެ އިސްތިއުމާލްކުރެއެވެ. މީގެ ތެރެއިން 17.5 އިންސައްތަ ކުދިންނަކީ ފިރިހެން ކުދިންނެވެ. އަދި 6.8 އިންސައްތަ ކުދިންނަކީ އަންހެން ކުދިންނެވެ. އެޗްޕީއޭއިން ބުނެފައިވަނީ ސިނގިރޭޓް ބޯ ގިނަ މީހުން، ސިނގިރޭޓް ބޯން ފަށަނީ ސްކޫލް ދައުރުގައި ކަމަށެވެ.

ދިވެހި ރާއްޖެއަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކައެވެ. ސިނގިރޭޓަކީ ސިއްޙީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗަކަށް ވީނަމަވެސް ސިނގިރޭޓް އެތެރެކުރުމަށް ރާއްޖެއިން 1.6 ބިލިއަން ރުފިޔާ އަހަރަކު ޚަރަދުކުރެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ 70 އިންސައްތަ މީހުންނަކީ ދުފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ބޭނުންވާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ބޮޑެތި ގެއްލުމްތަކެއްލިބޭ ކަމެއްކަމަށް ވީނަމަވެސް، މިކަމަކީ ދެވިހިފާ ކަމަކަށްވުމުން މިކަން ހުއްޓާލުމަކީ އުނދަގޫ ކަމެކެވެ.

ދުންފަތުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތައް ކުޑަކޮށް، މިކަމުން މީހުން ސަލާމަތްކުރުމަށް ސަރުކާރުންދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން، ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް ދަޢުލަތުން އަންނަނީ ހިލޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ޑޮކްޓަރީ ފަރުވާ ހޯދުމާއި، ކައުންސިލިންގ އާއި، މިކަމަށް ބޭނުންވާ ބޭސް ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.

ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް އެހީވުމަށް 4 ސެޒޭޝަން ކްލިނިކްވަނީ ޤާއިމުކޮށްފައެވެ. ދަމަނަވެށި، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑިކޭ ހޮސްޕިޓަލުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވާން ބޭނުންވާ މީހުނަށް ފަރުވާ ހިލޭ ފޯރުކޮށްދެއެވެ.
މި ޚިދުމަތް އަތޮޅުތެރޭގައި ދިނުމަށް، އެޗްޕީއޭއިންވަނީ ސިއްޙީ މަރުޒަކާ، ހޮސްޕިޓަލް އަދި ޖަމިއްޔާތައް ހިމެނޭގޮތަށް ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ހިންގާފައެވެ. މި ޓްރެއިނަރުން މެދުވެރިކޮށް އަތޮޅުގެ ރަށްތަކުގައިވެސް ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް މި ކްލިނިކްތަކާއި، ތަމްރީނުތައް ދީފައިވާ ފަރާތްތައް މެދުވެރިކޮށް އަބަދުވެސް އެހީތެރިކަން ލިބޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.