ޚަބަރު

ކުރީ ހަފްތާއަށްވުރެއް ނިމިދިޔަ ހަފްތާގައި މާލޭގައި ކުއްމަދުވެއްޖެ


މާލޭ
ހިމެނޭ ސަރަޙައްދުގައި ހިނގާ ކުށްތައް ފާއިތުވި ހަފްތާއާއި އޭގެ ކުރީ ހަފްތާއާ
އަޅާ ބަލާއިރު މަދުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.



ސެންޓްރަލް
އޮޕަރޭޝަންސް ކޮމާންޑްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް
ނަވީން ވިދާޅުވީ، ފާއިތުވި ހަފްތާގައި މާލޭއާއި، ހުޅުމާލެއާއި ވިލިމާލޭގައި ހިނގި
ބޮޑެތި ކުށްތައް ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. އަދި މާލެތެރޭގައި
ޕެޓްރޯލްކުރަމުންދާ ޓީމުތަކުން މާލޭގެ އެކި ސަރަޙައްދުތަކާ މީހުން ބަލާ
ފާސްކޮށްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.



މީގެ
އިތުރުން މާލެ ތެރެ އަލިކުރުމުގެ މަސައްކަތުގެ ދަށުން، ހާބަރު ސަރައްޙައްދާއި،
މަސްވެރިންގެ ޕާރކާއި، ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހުންނަ ހާބަރު
ތަންތަނުގެ ބޭރު އަލިކުރުމުގެ އިތުރަށް ދިހައެއް ޖަހާއިރު ފިހާރަތައް ބަންދުކުރުމާއި
ގުޅިގެން މާލޭގެ ބައެއް މަގުތައް އަނދިރިވެފައިވާތީ އެސަރަޙައްދުތައް އަލިކުރުމުގެ
މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފިހާރަތައް
ބަންދުކޮށްފައި ދާއިރު ފިހާރައިގެ ކޮންމެވެސް ވަރެއްގެ އަލި ކަމެއް ބެހެއްޓުމަށް
ފުލުހުން އިލްތިމާސްކުރެއެވެ. ފުލުހުން ބުނީ، މާލެ ތެރެއިން ގެއްލޭ ސައިކަލްތައް
މާލެއިން ބޭރަށް ގެންދިއުމުގައި ފެރީތަކަށް އަރުވައިގެން ގެންދާ ކަން
ފާހަގަކުރެވިފައިވާ ކަމަށާއި އޮޑިދޯނި ފަހަރަށް އަރުވާ ސައިކަލް ފަދަ ތަކެއްޗަކީ،
ކުށަކުން ހޯދާފައިވާ ނުވާ އެއްޗެހިކަން ކަށަވަރު ކުރުމަށްވެސް ފުލުހުން
އިލްތިމާސްކުރެއެވެ.