ސިޔާސީ

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ޢަބްދުﷲ ރިޔާޒް ޙާޒިރުކުރަނީ


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނަށް ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒް އެ ކޮމިޝަނަށް ހާޒިރުކުރަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސައާއި ގުޅޭ މަޢޫލޫމާތު ސާފުކުރުމަށެވެ. ދާދި ފަހުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޢަބްދުﷲ ރިޔާޒް ވަނީ އެ ކޮމިޝަނާ ހިއްސާކުރާނެ އައު މަޢުލޫމާތެއް ނެތްކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޢާންމުގެ މީހަކު ޓްވިޓާގައި ޢަބްދުﷲ ރިޔާޒް އެ ކޮމިޝަނަށް ޙާޒިރުކޮށްފައިވޭތޯ ސުވާލުކުރުމުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ވަނީ މިހާތަނަށް ޢަބްދުﷲ ރިޔާޒް އެ ކޮމިޝަނަށް ހާޒިރުކޮށްފައި ނުވާކަމަށާއި، ނަމަވެސް ޙާޒިރުކުރާނެކަމަށް ވިދާޅުވެފައެވެ.

ޢަބްދުﷲ ރިޔާޒް ވަނީ ޑރ.އަފްރާޝީމްގެ މަރާގުޅޭ މަޢޫލޫމާތު ރިޔާސީ ކޮމިޝަނެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި ހިއްސާކުރައްވަން ތައްޔާރަށް ހުންނެވިކަމަަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވިދާޅުވަފައެވެ. ނަމަވެސް މިމަހުގެ ނަވާރަ ވަނަ ދުވަހު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރިޔާޒް ވަނީ، ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނަށް ޙިއްސާކުރައްވަންޖެހޭ އައު މަޢުލޫމާތެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެކަމަށްވެސް ރިޔާޒުވަނީ ވިދާޅުވެފައެވެ. އެއީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވިއިރު ލިބިވަޑައިގެންނެވި މަޢުލޫމާތުތައްކަމަށާއި އެ މަޢޫލޫމާތު ފުލުހުންގެ އިދާރާއިން ހޯއްދަވާފައިވާކަމަށް ޤަބޫލުކުރައްވާކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް ވަނީ އަމިއްލަފުޅަށް އިސްނަގައިގެންވެސް އެ މަޢުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅު ނުވާކަމަށްވެސް ވިދާޅުވެފައެވެ. ޑރ.އަފްރާޝިމްގެ މަރުގެ މައްސަލައަކީ ރިޔާސީ ކޮމިޝަނުން ބަލާ 25 މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ވަނީ އިތުރު މަޢުލޫމާތު ހޯދުމަށް ވީޑިއޯއެއް ޢާންމުކޮށްފައެވެ.
އަދި ހޯދަން އިއުލާނުކުރި ދެ މީހުންނާ ގުޅޭ ވަރަށް ގިނަ މައުލޫމާތު މިހާރު ލިބިފައިވާކަމަށްވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.