ސިޔާސީ

ސްރީލަންކާއަށް ދިން ހަމަލާއާގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި


އަވަށްޓެރި ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ހާމަކުރައްވައިފިއެވެ.

ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ދެ މުއައްސަސާއިން މަޝްވަރާކޮށް، މިހާރުން މިހާރަށް އަޅަންހުރި ފިޔަވަޅުތައް އަޅަން ފަށްޓަވާފައިވާކަމަށެވެ.

ޝަމާލް ވިދާޅުވީ، ސްރީ ލަންކާގެ އެކި ސަރަހައްދުދަކަށް ދިން ހަމަލާގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ދެނެގަނެ، ރާއްޖެއަށް ހުރިނަމަ ހުރިނުރައްކާތެރިކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އިމިގްރޭޝަނާއި ކަސްޓަމްސްއާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެންވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަކަމަށް ޙަމީދު ވިދާޅުވިއެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި، މާލޭގެ ހުރި ހޮޓާތަކާއި އެނޫންވެސް ބައެއް ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރެވޭ ކަންކަން ބަލައި ސެކިއުރިޓީ ވަރުގަދަ ކުރަމުން އަންނަކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

"ތިން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތެރެއިން ހަނިމާދޫއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތައް މިހާރުން މިހާރަށް ވެސް އެބަކުރިއަށްދޭ. ކްރިޓިކަލް އިންފްރާސްޓްރަކްޗާގެ ތެރެއިން ސެކިއުރިޓީ އެކަލޭޓްކުރަންޖެހޭ ތަންތަން ބަލައި އެކަން މިހާރު ކުރިއަށް ގެންދަނީމި."

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ސްރީލަންކާގެ ޙަމަލާއާ ގުޅިގެން ރާއްޖެއަށް ނުރައްކަލެއް އޮތްކަމުގެ އެއްވެސް މަޢުލޫމާތެއްވެސް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. ޙަމީދު ވިދާޅުވީ، ރާއްޖޭގެ ދާޚިލީ ސަލާމަތަށް ނުރައްކާވާގޮތަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގާފާނެ ފަރާތްތަކުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް އެނގޭކަމަށާ އެޤާބިލްކަން ސަލާމަތީ ބާރުތަކުގައި އެބަހުރިކަމަށެވެ.

ޙަމީދު ވިދާޅުވީ، މާލޭގެ ސަރަޙައްދުތައް މިހާރު ބަލަހައްޓާ މިންވަރަށްވުރެ ބެލެހެއްޓުން އިތުރުކޮށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. އެގޮތުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތީ މުއައްސަސާތަކާ ގުޅިގެން ރާއްޖެއަށް ލިބެންޖެހޭ މަޢޫލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ހަމީދު ފާހަގަކުރެއްވިއެވެ. އެމަޢުލޫމާތުތަކުގެ އަލީގައިވެސް ސަލާމަތީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެކަމަށާ، ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއްވެސް މިހާރު ޤާއިމުކޮށްފައިވާކަމަށް ޙަމީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ދާޚިލީ ސަލާމަތަށް ޓެރަރިޒަމްފަދަ އަމަލުތައް ހިންގަފާނެ ފަރާތްތައް އެނގޭ. އެ ނޮލެޖް އެބަހުރި. ޕޮލިސްސާވިސްގައިވެސް އަދި އެމްއެންޑީއެފްގައިވެސް އެބަހުރި. މީގެ ކުރިންވެސް ތަޙްޤީޤްތަކެއް ކުރެވިފައިވަނީ. މިހާރު ހުރި ކޭޕެބިލިޓީގެ ތެރެއިންވެސް އެފަދަކަމެއް ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރެވެމުންދަނީ." ޙަމީދު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ނުރައްކަލަކީ މުޅި ދުނިއެއަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި ސަލާމަތީ ބާރުތަކުން ވަނީ މިދަނޑިވަޅުގައި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ބައެއް އޮންލައިންތަކާއި ސޯޝަލް މީޑިއާއިން މަޢުލޫމާތު ހާމަކުރަމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ.