މާލޭގައި އަވަށު އޮފީސްތައް ގާއިމްކުރެވިގެންދާނީ އަންނަ އަހަރު ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މަޔަރ ޝަމާއު ޝަރީފް ވިދާޅުވީ އަވަށު އޮފީސްތައް ޤާއިމްކޮށް ކުރިއަށްގެންދާނެގޮތުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިގޮތުން ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގެ އިތުރަށް މީގެކުރިން އަވަށު އޮފީސްތައް ހިންގާފައިވާ ބިންތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި އަވަށު އޮފީސްތައް ހިންގާނެ ސަރަހައްދުތައް ފާހަގަކޮށްފައިވާކަމަށާ، އޮފީސްތައް ހިންގާނެ ބައެއް ޢިމާރާތްތައް މިހާރު ލިބިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.
މާލޭގެ ގިނަ މައްސަލަތައް ހައްލުވެގެންއަންނާނީ އަވަށު އޮފީސްތައް ޤާއިމްކުރުމުންކަން ފާހަގަކޮށް ޑެޕިއުޓީ މޭޔަރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އަވަށު އޮފީސްތައް ހިންގުމަށް ބޭނުންވާ އުޞޫލްތައް އެކުލަވާލައި މުހިއްމު މަސައްކަތްތައް ނިންމަވާނެކަމަށެވެ. އަދި އަންނަ އަހަރު އަވަށު އޮފީސްތައް މާލޭގައި ހިންގަންފެށޭނެކަމަށްވެސް ޝަމާއުވިދާޅުވިއެވެ.
"ވަގުތުނަގައިގެން މި މަސައްކަތް ކުރުމަށް ނިންމާފައިމިވަނީ އެންމެ ރަނގަޅަށް މި މަސައްކަތް ކުރިއަށްގެންދެވޭނީ ރަނގަޅު އުޞޫލްތަކެއް އެކުލަވާލައިގެންކަމަށް ވާތީ. ކުޜިގައި ހިންގަމުނދިޔަ ގޮތާއި އަދި މިހާރު ލާމަރުކަޒީ ޤާނޫނަށް އެލައިންކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތުގެ އުޞޫލްތައް ހެދުމުގެ މަސައްކަތް މިހާޜު އެބަ ކުރިއަށް ގެންދޭ." ޝަމާއު ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ޢާއްމު ރައްޔިތުންނަށް ދިމާވާ އެކިމައްސަލަތައް ބަލައި ޙައްލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދެއެވެ. މީގެ ކުރިންވެސް މާލޭގައި އަވަށު އޮފީސްތައް ހިންގާފައިވާއިރު އެކި އަވަށްތަކަށް ދިމާވާ މައްސަލަތައް ވަކިވަކިން ބަލަމުން ދަނީ އަވަށު އޮފީސްތަކުންނެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މީގެކުރިން އަވަށު އޮފީސްތައް ހިންގާފައިވަނީ ވަރަށް ކާމިޔާބުކޮށްކަމަށާއި ދެންވެސް އަވަށު އޮފީސްތައް ހަރުދަނާކޮށް ކުރިއަށްގެންދާނެކަމަށެވެ. އަދި އޮފީސްތަކުގައި މަސައްކަތްކުރަމުންދާނީ ސިޓީ ކައުންސިލަށް އެއްބާރުލުންދީ މާލެގައި ދިމާވާ އެކިކަންކަން ހައްލުކުރުމަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ ކުރިން މާލޭގެ އެކި އަވަށުތަކުގައި ޤާއިމްކޮށްފައިވާ އަވަށު އޮފީސްތަކުން ވަނީ އަވަށު ފެންވަރުގައި އެކި މަސައްކަތްތަކާއި ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.