ދުނިޔެ

ސައޫދީން ޔަމަނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އދ ގޮލާލައިފި


ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފިއެވެ.ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު ޝައިޚް އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އާ ބައްދަލުކުރެއްވުމަށްފަހު ދަވްޙާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބާންކީ މޫން ވިދާޅުވީ ޔަމަންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ހަތިޔާރާއި އަސްކަރީ ހަރަކާތްތަކުގެ ބަދަލުގައި ސުލްޙަ އާއި މަޝްވަރާތައް ކުރިޔަށް ނެރެންޖެހިފައިވާ ކަމަށެވެ.ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ގޮވާލައްވަމުން ބާންކީ މޫން ވިދާޅުވީ މިޙަމަލާތަކުގެ ސަބަބުން ޔަމަންގެ އާންމުންގެ 600 އަށްވުރެ ގިނަމީހުން މަރުވެ 6 ހާސް މީހުން ޒަޚަމްވެފައިވާ ކަމަށާ އަދި އަދި ޔަމަންގެ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއްވެސް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.ބާންކީ މޫންވިދާޅުވީ ޔަމަނުގެ މައްސަލަ ޢަސްކަރީ ގޮތުން ޙައްލު ނުކުރެވޭނެ ކަމަށާ ހުރިހާ ފަރާތްތަކަކުންވެސް ސުލްޙައިގެ ވާހަކަތަކަށް އެނބުރި ރުޖޫޢަ ނުވެއްޖެނަމަ ޔަމަންގެ ދާޚިލީ ހަނގުރާމަ އެގައުމުން ބޭރުގެ މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.ބާންކީ މޫންގެ ވާހަކާގައި ޔަމަނަށް މިހާރު މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައިގެ ފެށުމަކީ ބާރުގެ ބޭނުންކޮށްގެން ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް އެގައުމުގެ ހޫޘީ ޖަމާއަތުން މަސައްކަތް ކުރުން ކަމަށާ އެކަން ހުއްޓާލުމަށް ހޫޘީންނަށް ބާންކީ މޫން ގޮވާލެއްވިއެވެ.ސައޫދީ ސިފައިން އިސްކޮށް ތިބެގެން ޔަމަންގެ ހޫޘީ ޖަމާއަތާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާ ދެކޮޅަށް ވައިގެ ޙަމަލާތައް ދެމުން ގެންދާ ވިއްސަކަށް ދުވަސްވަނީ ވެފައެވެ.ފާމްނެސް ސްޓޯމްގެ ގެ ނަމުގައި ސައޫދީން ކުރިޔަށް ގެންދާ މި އަސްކަރީ އޮޕަރޭޝަން ގެ ބޭނުމަކީ ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ހޫޘީ ޖަމާއަތާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ބަލިކޮށް ޔަމަންގެ ވެރިކަމުން އެއްފަރާތް ކުރެވިފައިވާ އެގައުމުގެ މިހާރުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ވެރިކަން ހޯދައި ދިނުން ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.