ސިޔާސީ

އެމްޑީޕީއަށް ސޮއިކުރާކަށް ނޫޅެން- މެމްބަރު ސަޢުދު


އެމްޑީޕީއަށް ސޮއިކުރުމަށް އުޅޭކަމަށް ދެކެވޭ ވާހަކަތައް ވިލިނގިލި ދާއިރާގެ ގޮނޑި ދިފާޢުކުރެއްވި މެންބަރު ސައުދު ޙުސައިން ދޮގުކުރައްވައިފިއެވެ.

މެންބަރު ސައުދު އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން އުޅުއްވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސައުދު ވިދާޅުވީ އެއްވެސް ޙާލެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނުވިސްނަވާކަމަށެވެ.

ސަޢުދު ވިދާޅުވީ ނަވާރަ ވަނަ މަޖިލިސް ފެށުމަށްފަހު ސިޔާސީ މަސްރަޙު ކުރިއަށްދާގޮތަށް ބެއްލެވުމަށްފަހު ޕާޓީއަކާއި ގުޅެން ޖެހިއްޖެނަމަ އެކަންކުރައްވާނެކަމަށެވެ. އަދި ޕާޓީއަކާ ގުޅިވަޑައިގަންނަވާނަމަ ފުރުޞަތު ބޮޑީ ރައީސް މައުމޫންގެ ސިޔާސީ ފިކުރާއި ގުޅިވަޑައިގަތުންކަމަށް ސައުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ އެއްވެސް ޕާޓީއަކާއި ނުގުޅި މަޖިލީހުގައި މަސައްކަތްކުރުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެކަމަށެވެ. އެގޮތުން ޕާޓީއަކާއި ނުގުޅޭ މެންބަރުންނަށް މަޖިލީހުގެ ތެރެއިން ފުރުޞަތުތައް ކުޑަކަމަށާއި، ޚާއްޞަކޮށް ކޮމިޓީތަކުން ޖާގަ ނުލިބޭކަން ސައުދު ފާހަގަކުރެއްވިއެވެ.

"މިހާރު މަޖިލީހުގެ ކަންކަން ހުންނަ ގޮތުން ޕާޓީއަަކަށް ނުވަދެއްޖެނަމަ ވަރަށް ބޮޑަށް ފިއްތާލާފަ އެމީހުން މި އޮންނަނީ. އެއަރޓައިމް ދިނުމާ، ކޮމިޓީތަކުން ސްލޮޓް ދިނުމާ ބިލްތައް ހުށައެޅުމާ މިކަހަލަކަންތައްތަކުގައި. ޓްރައި މިކުރަނީ ހުރިގޮތަށް ހުރެވޭތޯ." ސައުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ، އެމްޑީޕީޢަށް ލިބުނު ސުޕަ މެޖޯރޮޓީއާއެކު ބިލްތައް އެންމެ ރަނގަޅަށް ދިރާސާކުރާނެކަމަށް ޤަބޫލު ނުކުރައްވާކަމަށާއި، ކުރިއެކޭވެސް އެއްގޮތަށް "ރަބަރު ސްޓޭމްޕް"ގައި ބިލްތައް ފާސްކުރާނެކަމަށް ބެލެވޭކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ގޮނޑި ގެއްލުނުކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެވުނު ހަމައެކަނި މެންބަރަކީ ސައުދު ޙުސައިންއެވެ. ބާކީ ތިއްބެވި މެމްބަރުންނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ އިދިކޮޅު ކޯލިިޝަނުން އެއްބަސްވި ގޮތަށް މަޖިލިސް އިންތިޚާބު ވާދަނުކުރުމުންކަމަށްވެސް ސަޢުދު ވިދާޅުވިއެވެ. އަދި ގިނަ މެންބަރުންނަށް އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތީ އެމްޑީޕީން ހުރިހާ ދައިރާއަކަށް ވާދަކުރުމުންކަމަށްވެސް ސައުދު ވިދާޅުވިިއެވެ.

"ނާކާމިޔާބު ވާންޖެހުނީ އަސްލު މެންބަރުން ތިބީ ކޮމިޓްމަންޓްތަކެއްގެ އިންތިޒަރުގައި. ދެން އެކަން ރިއަލައިޒްވެގްނދާނެކަމުގެ އިންތިޒާރުގައި. އެމްޑީޕީން އެބޭފުޅުންނަށް ދިން ކޮމިޓްމަންޓް ފުލްފިލް ނުވެފައި އެއޮތީ." ސައުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ އެމްޑީޕީއާއި ގުޅިވަޑައި ނުގެންނެވި ނަމަވެސް ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙަށާއި، އެމަނިކުފާނުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
ވިލިނގިލީ ދާއިރާއަށް ދެވަނަ ދައުރަކަށް ސައުދު އިންތިޚާބުވެވަޑައިގަތީ ފަސް ކެންޑިޑޭޓަކާ ވާދަކޮށްގެންނެވެ.