ޚަބަރު

ޑިއު ބޯލް އެސޯސިއޭޝަން މާފުށީގަ ގާއިމު ކުރަން ހަމަޖެހިއްޖެ


ރާއްޖޭގައި ޑިއުބޯލް އެސޯސިއޭޝަންއެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުން ދާކަމަށާއި މި އެސޯސިއޭޝަން ގާއިމު ކުރާނީ މާފުށީގައި ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

ޑެޕިއުޓީ މިނިސްޓަރ އޮފް ޔޫތް މުހައްމަދު އަޒްމީލް މިހެން ވިދާޅުވީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިއުބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުންނެވެ.

އަޒްމީލް ވިދާޅުވީ ޑިއުބޯލްއަކީ ރާއްޖޭގައި ކުރިއެރުވޭނެ ކުޅިވަރެއް ކަމަށް ޔޫތް މިނިސްޓްރީން ދެކޭ ކަމަށާއި، ރާއްޖޭގައި މި ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް ހާފް ކޯޓް މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ވީހާވެސް އަވަސް މުސްތަގުބަލެއްގައި ޔޫތް މިނިސްޓްރީގެ ދަށުން ޑިއުބޯލް އެސޯސިއޭޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، މި އެސޯސިއޭޝަން މާފުށީގައި ގާއިމު ކުރުމަށް ނިންމާފައިވާކަމަށެވެ.

"އެސޯސިއޭޝަންއެއް ހެދުމުގެ މަސައްކަތް ހާފްކޯޓް މޯލްޑިވްސްގެ ކުދިން ފައްޓާފަ ވަނީ. އަދި ވަރަށް އުފާވާ ހަބަރެއް، މާފުށީގެ އެސޯސިއޭޝަން ރަޖިސްޓްރީ ކޮށްގެން ކުރިއަށް ގެންދާގޮތަށް ރާވާފަ މިއޮތީ" އަޒްމީލް ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވީ މާފުށީގައި އެސޯސިއޭޝަން ގާއިމު ކުރުމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަހަމަކަމާއެކު ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ ފުރުސަތު ހޯދައިދިނުމަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.