ޚަބަރު

ޑިއު ބޯލް، މާފުށިން ބޮޑު ތަރުހީބަކާއެކު ރާއްޖޭގައި މުޅިން އަލަށް


ހާފްކޯޓް މޯލްޑިވްސްއިން އިންތިޒާމްކޮށް ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރި ޑިއު ބޯލް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޑިއު ބޯލްއަކީ ބާސްކެޓް ބޯޅައާއި ހޭންޑް ބޯޅައިގެ ފީޗަރސްތައް އެކުލެވޭ ކުޅިވަރެކެވެ. މެޗެގައި ކޮންމެ ޓީމެއްގައި ހަތް ކުޅުންތެރިން ހިމެނޭއިރު ދެފަރާތުގައި ގޯލްގެ ބަދަލުގައި ހުންނަނީ 13 ފޫޓު އުސް ހޫޕެކެވެ.. ހޫޕް ކައިރީގައި ކޮންމެ ޓީމަކުން ކީޕަރެއް ހުންނައިރު ލަނޑު ހަދަން ޖެހެނީ އިދިކޮޅު ޓީމްގެ ހޫޕް ތެރެއިން ބޯޅަ ފޮނުވާލައިގެންނެވެ.
އަމިއްލަ ހާފްގައި ހުރެ އިދިކޮޅު ޓީމްގެ ކޮޅަށް ކާމިޔާބުކުރާ ކޮންމެ ލަނޑަކަށް ދެ ޕޮއިންޓް ލިބޭނެއެވެ. އިދިކޮޅު ޓީމްގެ ހާފްގައި ހުރެ ކާމިޔާބުކުރާ ލަނޑަށް ލިބޭނީ އެއް ޕޮއިންޓެވެ. ކޮންމެ ކުޅުންތެރިޔަކަށް ބޯޅަ އަތުގައި ބޭއްވޭނީ ފަސް ސިކުންތަށެވެ. އަދި މެޗްގައި ކުޅެނީ 15 މިނެޓްގެ ދެ ހާފެވެ.

އިންޑިޔާއިން ތައާރަފް ކުރި މި މި ކުޅިވަރު ރާއްޖެއަށް ގެނައުމަށް ހާފް ކޯޓް މޯލްޑިވްސް އާއި އިންޑިޔަން ޑިއު ބޯލް ފެޑެރޭޝަން ގުޅިގެން މާފުށީގައި ބޭއްވި އިންޓަނޭޝަނަލް މޯލްޑިވްސް ޑިއުބޯލްކަޕް 2019 ގައި އިންޑިޔާގެ 3 ޓީމާއެކު ޖުމްލަ ހަތްޓީމް ބައިވެރިވިއެވެ.

މިމަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލްގައިވެސް ވާދަކުރީ މާފުށީގެ ދެ ޓީމާއި އިންޑިޔާގެ ދެ ޓީމެވެ.
ދެ މެޗްވެސް އިންޑިޔާ ކާމިޔާބުކުރީ ފަހަތުން އަރާ މޮޅުވެގެންނެވެ.

ފިރިހެން ބައިގައި މާފުށި މޯލްޑިވްސް ވައިޓް ޓީމާއި ޓީމް އިންޑިޔާ ވާދަކުރި މެޗް އިންޑިޔާއިން ކާމިޔާބުކުރީ 5 ޕޮއިންޓް 4 ޕޮއިންޓުންނެވެ. ފިރިހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާފުށި މޯލްޑިވްސް ވައިޓް ޓީމްގެ އަލީ އާސިފެވެ.

އަންހެން މެޗް އިންޑިޔާ ޓީމުން ކާމިޔާބުކުރީ 6 ޕޮއިންޓް 1 ޕޮއިންޓުން. އެއީ މާފުށި މޯލްޑިވެސް ވިމެންސް ޓީމާ ވާދަކޮށެވެ. އަންހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިންޑިޔާ ޓީމްގެ އަނުޕްރީތް ކައުރެވެ.

މުބާރާތުގެ ވާދައާއެކު މި ކުޅިވަރުގެ ފޯރި މާފުށީގައި ހިފާފައިވާއިރު މި ކުޅިވަރު އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ޔޫތް މިނިސްޓްރީ އަދި ހާފް ކޯޓް މޯލްޑިސްވްސް ގުޅިގެން ވަނީ ފަށާފައެވެ.