ވިޔަފާރި

ރަންވޭއާއި ފިއުލް ފަރމްގެ ޢަމަލީ މަސައްކަތް ވަރަށްއަވަހަށް ފަށަނީ


އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހެދުމަށް ހަމަޖެހިފައިވާ އާ ރަންވޭގެ
މަސައްކަތާއި ފިއުލް ފަރމް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް
ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދް ސައީދް ވިދާޅުވެއްޖެއެވެ.



މާލޭ
ވައިގެ ބަދަރަށް 49 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި އާދީއްތަ ދުވަހުގެ ރޭ އެއަރޕޯޓް
ރިކްރިއޭޝަން ސެންޓަރ ސަރަހައްދުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި
ވާހަކަފުޅުގައި މިނިސްޓަރ ސައީދް ވިދާޅުވީ އާ ރަންވޭގެ މަސައްކަތާއި ފިއުލް ފަރމް
ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ކަރގޯ ޓަރމިނަލްގެ މަސައްކަތަކުގެ ބިންގާ
އެޅުމަށް ތައްޔާރުވަމުންދާކަމަށެވެ.   



 މިނިސްޓަރ ސައީދް ވިދާޅުވީ އިބްރާހިމް ނާސިރު
އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ދެހާސް އަށާރަ
ވަނަ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށެވެ.



މި
ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް
މޫސާ ވިދާޅުވީ މާލޭ ވައިގެ ބަދަރަށް ޖައްސާ ފްލައިޓްތައް ޕާރކް ކުރުމުގައި
ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ހަދާ އާ އޭޕްރަންގެ
މަސައްކަތް އަންނަ އޮގަސްޓް މަސްތެރޭ ނިމޭނެ ކަމަށާއި އެއަރޕޯޓް ރަންވޭ މަރާމާތު
ކުރުމުގެ މަސައްކަތްވެސް މިމަސްތެރޭ ބަޔަކާ ހަވާލްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.



މީގެ
އިތުރުން އާދިލް މޫސާ ވިދާޅުވީ އެކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލްތަކެއް
ނެގައުމަށް ނިންމާފައިވާ ކަމަށާއި މަގާމްތަކުގެ އޮނިގަޑު މުރާޖާކޮށް މިހާރު ހުރި
މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.



ރޭގެ
ހަފްލާގައި އެއަރޕޯޓް ދާއިރާގައި ވިހި އަހަރާއި ފަންސަވީސް އަހަރާއި ތިރީސް އަހަރު
އަދި ތިރީސް ފަސް އަހަރުގެ މުއްދަތަށް ހިދުމަތްކޮށްދެވާފައިވާ ސަތޭކަ ސައުވީސް
ފަރާތަކަށް ހަނދާނީ ފިލާ އަދި ހަނދާނީ ލިޔުން ވަނީ އަރުވާފައެވެ