ޚަބަރު

ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކުގައިި ޕޯސްޓަރާއި އިސްތިހާރު ހިއްޕާނަމަ ޕިޔަވަޅުއަޅާނަން- މޭޔަރު ސިފާ


ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކާއި ހޮޅިދަނޑި ފަދަ ތަކެތީގައި ޕޯސްޓަރާއި އިސްތިހާރު ހިއްޕާނަމަ ކުރިއަށްއޮތްތަނުގައި ޕިޔަވަޅުއަޅާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައި ހުންނަ ޕޯސްޓަރު ތަކާއި ފޮށިތަކުގެ މަތީގައި ބަހައްޓާފައި ހުންނަ ކުނިފަދަ ތަކެތި ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ފަށާފައެވެ.

މި ހަރަކާތަކީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކަކީ ރައްކާތެރި އަދި ސާފުތާހިރު ތަކެއްޗަށް ހެދުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނެވެ. މިކަމުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާއި މާލެ ސިޓީގެ މޭޔަރ ސިފާ މުހަންމަދުވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހރަކާތާއި ބެހޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ މާލޭގެ ސާފުތާހިރުކަމަށް އަޅާނުލެވި ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. މަދު ބަޔަކު ކުރިނަމަވެސް ޑިސްޓްރިބިއުޝަން ފޮށިތަކުގެ މަތީގައި ހުސްފުޅި އާއި ދަޅުފަދަ ތަކެތި ބެހެއްޓުމުން މާލޭގައި ދިރިއުޅުމުންދާ އެންމެނަށް އެކަމުގެ ހުތުރުނަން ރައްދުވާ ކަމަށްވެސް ސިފާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ހޮޅިދަނޑިތަކާއި ބޯޑުތަކުގައި އިއުލާނާއި އިޝްތިހާރު ހިއްޕާނަމަ އެބަޔަކު ހޯދުމަށްފަހު ޖޫރިމަނާކޮށް، ފިޔަވަޅުއަޅާނެކަމަށް ސިފާވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ގަސްތަކާއި އެހެނިހެން ތަންތަނުގައި ހަރުކުރާ ބެނާ ފަދަ ތަކެތި ސިޓީކައުންސިލުން ނަގަމުން އަންނަތާ ގިނަ ދުވަސް ތަކެއް ވެފައިވާކަމަށެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވީ، މުޖުތަމައުގައި ހިނގާ މިފަދަ ކަންކަން ހައްލުކުރެވޭނީ، ފަރުދީ ޒިންމާ ނަގައިގެންކަމަށާއި، މިފަދަ އަމަލުތަކުން ކުންފުނިތަކާއި ސަރުކާރުގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހިފައިވާކަމަށެވެ. މަގުތަކަށް ކުނިއެޅުންފަދަ ކަންތައްތައް ކުރަމުންދާނަމަ، ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލާއި ގުޅިގެން އޮންނަ އުސޫލުން އެކަންހައްލުކުރުމަށް މަސައްކަތް ކުރަމުންދާނޭކަމަށް މުގްނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީީ ސާފުކުރުމުގެ ޕްރޮގްރާމްގައި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ގިނައަދަދެއްގެ ޕޯސްޓަރުތަކާއި ފުޅިއާއި ދަޅުފަދަ ތަކެތި ފޮށިތައް މަތީގައި ބަހައްޓާފައިހުރިކަން ފާހަގަކުރެވުނުކަމަށެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފޮށިތަކުގައި އެފަދަ ތަކެއްތި ނުބެހެއްޓުމަށް އަންގައި ޕޯސްޓަރުފަދަ ތަކެތި ހިއްޕުމަކީ މާނާކަމެއްކަން އަންގައިދޭ ނޯޓިސް ހިތްޕާނޭކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ފަށާފައިވާ މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ސްޓެލްކޯއިން ފަށާފައި މިވަނީ ވަރަށް މުހިންމު ހަރަކާތެއްކަމަށެވެ.