ޚަބަރު

ލަންކާގައި ޒުވާން ކްރިކެޓް ޓީމް ތިބީ ސަލާމަތުން - މެނޭޖާރ ފައިސަލް


ލަންކާގެ ވެރިރަށް ކޮލޮންބޯގައި ހިނގައިގެން އުޅޭ ބޮމުގެ ހަމަލާގެ އެއްވެސް އަސަރެއް 19 އަހަރުން ދަށުގެ ކްރިކެޓް ޓީމަށް ކޮށްފައި ނުވާކަމަށް ޓީމުން ބުނެފިއެވެ.

އޭސީސީ 19 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވުމަށް ލަންކާގައި މިވަގުތު ޚާއްސަ ތަމްރީންތަށް ތަކެއް ފުރިހަމަ ކުރަމުންދާ ގައުމީ ޒުވާން ޓީމް ތިބީ ބޮމުގެ ހަމަލާ ހިނގައިގެން އުޅޭ ސަރަހައްދަށްވުރެ ދުރު ސަރަހައްދެއްގައެވެ.

ޓީމުގެ މެނޭޖާރ މުޙައްމަދު ފައިސަލް ބުނީ، ބޮމުގެ ހަމަލާ ދީގެން އުޅޭ ޚަބަރު ލިބުނީ ޓީމު ލަންކާގެ ކްރިކެޓް މިއުސިއެމްއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށާއި، ނަމަވެސް އެޚަބަރު ލިބުމާއިއެކު ޓީމު އެނބުރި ހޮޓަލަށް އައިސްފައިވާ ކަމަށެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު ޓީމު ފުރިހަމަ ކުރުމަށް އޮތް ޚާއްސަ ޓުއާވެސް ކެންސަލް ކޮށްފައިވާ ކަމަށް ފައިސަލް ބުންޏެވެ.

ޓީމު އެންބުރި ހޮޓަލަށް އައުމާއެކު ލަންކާގެ ފުލުހުން ވަނީ ޓީމު ތިބި ހޮޓަލަށް އައިސް ޓީމާއި ބައްދަލުކޮށް ސަލާމަތީ ކަންތައްތައް ކަށަވަރު ކޮށްދީފައެވެ. އަދި ކޮލޮންބޯގެ މަޝްރަހު ރަނގަޅު ނުވަނީސް ހޮޓަލުން ނުނިކުތުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚްލޫފުވެސް ވަނީ ޓީމުގެ މެނޭޖާރ މުޙައްމަދު ފައިސަލް އާއި ގުޅުއްވައި ޓީމު ހާލަތު އައްސަވާފައެވެ. އަދި މިނިސްޓާ ވަނީ ސަލާމަތީ ކަންތައްތަކަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.