ވިޔަފާރި

މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ

ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2019" މާދަމާ ފަށާނެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މައުލޫމާތުދޭގޮތުގައި މިފަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. މިފަހަރުގެ ފޯރަމުގައިވެސް މާލީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން މި ފޯރަމްގައި ބައިވެރިވާކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ފޯރަމްގެ ޝިއާރަކީ "އެންގޭޖިންގ ޕްރައިވެޓް ސެކްޓަރ ފޯރ ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް" އެވެ. މިއީ މި ފޯރަމް ބާއްވާ 8 ވަނަ އަހަރެވެ.

މިއަހަރުގެ ފޯރަމްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި އަހަރުގެ ފޯރަމްގައި ފައިނޭންސްގެ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވެ ޕްރެޒެންޓޭޝަން ހުށައަޅައިދޭނެއެވެ. އޭގެތެރޭގައި ރެޖިސްޓްރާ އޮފް ކޮންޕެނީ މަރިޔަމް ވިޝާމްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދުއާއި އިކޮނޮމިކް މިނިސްޓްރީގެ އައިޑީބީ ޕްރޮޖެކްޓް މެނޭޖަރ ލަމްޔާ އިބްރާހިމް ހިމެނެއެވެ. މީގެއިތުރުން ޒުވާން 3 ވިޔަފާރިވެރިއެއް އެމީހުންގެ ވިޔަފާރި ކުރިއަރައިދިޔަގޮތްވެސް މި ފޯރަމްގެ ތެރެއިން ބައިވެރިންނަށް ހިއްސާކުރާނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ ނަމުގައި ޕެންޝަން އޮފީހުން އެންމެ ފުރަތަމަ ފޯރަމެއް ބާއްވާފައިވަނީ 2012 ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފޯރަމްގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 83 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ ފޯރަމްގެ ޝިއާރަކީ އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުން ގެނައުމަށްޓަކައި ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސް ހޯދުމުގައި މާލީ މުއައްސަސާތަކުގެ ދައުރެވެ.