ޚަބަރު

ކުރިއަށް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ދެ މޫސުން ބެދޭ ވިއްސާރަކަމަށާއި އާއްމުކޮށްވެސް ހުޅަނގު މޫސުން ފެށެންވާއިރަށް ވިއްސާރައިގެ އަސަރުކުރާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށްކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު 8 އިން ފެށިގެން މިހާތަނަށް އައިިއިރު މާލޭ ސަރަޙައްދަ އެކަނިވެސް 20 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.

މެޓް އޮފީހުން އެންމެފަހުން އާއްމުކޮށްފައިވާ މޫސުމާބެހޭ މަޢުލޫމާތުތައް ދައްކާގޮތުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލަރޓްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ނެރެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް އުދައެރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.