ވިޔަފާރި

"ލީން ސްޓާޓްއަޕް ވާރކްޝޮޕް" ރާއްޖޭގައި ފަށައިފި

ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" ރާއްޖޭގައި ފަށައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށްގެންދަނީ ދިރާގާއި ސްޕާކް ހަބް ގުޅިގެންނެވެ. މިމަހުގެ 19 ވަނަ ދުވަހު މި ވޯކްޝޮޕް ފަށާފައިވާއިރު، ވޯކްޝޮޕް ނިމޭނީ 21 ވަނަ ދުވަހުއެވެ.

"ލީން ސްޓާޓްއަޕް މެޝިން" އަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަޙައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ވޯކްޝޮޕެކެވެ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ލީން ސްޓާޓަޕް މެޝިން ޕްރޮގްރާމްއެވެ.

މި ވޯކްޝޮޕްގެ ތެރެއިން އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ޚިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭނެއެވެ. އަދި ވިޔަފާރިއާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަސްކޮށްދީ، ވިޔަފާރީގެ އެކި ޚިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުޞަތުވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ސީ. އީ. އޯ. އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދާއި، ސްޕާކްހަބްގެ ސީ. އީ. އޯ. ހުސެއިން ޖިނާން ބައިވެރިވެވަޑައިގަތެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން މީގެ ކުރިން ވަނީ ހެކެތޯން މުބާރާތެއް ކަމަށްވާ "އޭންޖަލް ހެކް" އަދި "ސްޓާޓް އަޕް ގްރައިންޑް އެކްސް" ފަދަ ހަރަކާތްތައް ބާއްވާފައެވެ.