ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުން މުހިއްމު - ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ


ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ފެންބޮޑުވުމާއި، އުދައެރުން ފަދަ ޙާދިސާތަކުން ރައްކާތެރިވުމަށްޓަކާ ދުރާލާ ފިޔަވަޅު އެޅުމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން އިލްތިމާސް ކުރައްވައިފިއެވެ.

އެން.ޑީ.އެމް.އޭއިން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ލ.ފޮނަދޫއަށް ރޭފަތިހު އެރި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެން.ޑީ.އެމް.އޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކުރީ ވިދާޅުވީ، ފޮނަދޫއަށް ލިބުނު ގެއްލުންތައް ވިލަރެސްކުރުމުގެ މަސައްކަތް އެ އޮތޯރިޓީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ އެމެޖެންސީ ސެންޓަރެއް ޤާއިމުކޮށް، އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

"ފޮނަދޫގެ 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ. އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން، އަދި ކައުންސިލާއި ސަރުކާރު މުއައްސަސާތައް ގުޅިގެން މިދަނީ ކުރަމުން. ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށް، ވެއްޓިފައިވާ ރުއްގަސްތައްވެސް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ." - ޢުމަރު ފިކުރީ

އެން.ޑީ.އެމް.އޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަޙައްދަށް ވިއްސާރަކުރަމުންދާތީ، މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ދުރާލާ ތައްޔާރުވެތިބެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ. އެގޮތުން ގޭގޭގައި ހިފާގެންގުޅޭ ސާމާނާއި، އަގުބޮޑެތި މުދަލަށް ފެނުގެ އަސަރު ނުކުރާނެހެން ރައްކާތެރިކުރުމަށާއި، ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުންފަދަ ކަންކަން ކުރުމަށް ސޮފީނާޒް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މޫސުމާގުޅޭ އެންމެފަހުގެ މަޢުލޫމާތު ހޯދާ، މެޓް އޮފީހުން ނެރޭ މޫސުމީ އެލާޓްތަކަށް ސަމާލުވުމަށްވެސް އޭނާ އިލްތިމާސްކުރިއެވެ.

"ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށާއި، ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، އުދައިގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން މިވަނީ ލަފާކޮށްފައި. އެހެންކަމުން މިކަންކަމަށް ސަމާލުކަންދީ ފަރުދީ ފެންވަރުގައިވެސް ރައްކާތެރިވެ ތިބުން މުހިއްމު. ވަކިން ޙާއްސަކޮށް ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތައް ޖެހުމާއި، މުދާ ރައްކާތެރިކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން.." ސޮފީނާޒް ޙަސަން ވިދާޅުވިއެވެ.

ލ.ފޮނަދޫއަށް ރޭފަތިހު އެރި ނަގޫރޯޅީގެ ސަބަބުން އެރަށުގެ 12 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، 6 ގެއަކުން މީހުން ވަގުތީގޮތުން ވަނީ ބަދަލުކޮށްފައެވެ. އަދި ފުރާޅު އެއްލާލި ގޭގޭގެ ފުރާޅު މަރާމާތުކުރުމާއި، މަގުމައްޗަށް ވެއްޓިފައިވާ ބޮޑެތި ރުއްގަސްތައް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ފޮނަދޫއަށް ނަގޫރޯޅިއެއް އަރާފައިވާއިރު، އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުވެސް ކޮށްފައެވެ.