ޚަބަރު

ފޮނަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު 6 ގެއަކުން މީހުން ބަދަލުކޮށްފި


ލ.ފޮނަދޫއަށް ރޭ ފަތިހު ނަގޫރޯޅިއެއް އަރައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެރަށުގެ 6 ގެއެއްގެ މީހުން އެހެންތާކަށް ބަދަލުކޮށްފައިވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓީވް، ހިސާން ޙަސަން ވިދާޅުވީ، މި ޙާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކާ އިނީޝަލް ޑެމޭޖް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިހާރު ފަށާފައިވާކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވި ނަމަވެސް، ބައެއް ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާތީ، 6 ގެއެއްގެ މީހުން އެ ތަންތަނަށް ބަދަލުކޮށްފައިވާކަމަށް ޙިސާން ވިދާޅުވިއެވެ.

"އެމެޖެންސީ އޮޕަރޭޝަންގެ މަސައްކަތްތައް މިވަނީ ފެށިފައި. އަތޮޅު ކައުންސިލާއި ރަށު ކައުންސިލް، އެމް.އެންޑީ.އެފް، ފުލުހުން، އެސްޓީއޯ އަދި ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭހެން ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުން. އަޅުގަނޑުމެން މިހާރު މިވަނީ އިނީޝިއަލް ޑެމޭޖް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް ފަށާފައި. މިހާތަނަށް 6 ގެއަކުން މީހުން އެހެން ތަންތަނަށް ވަނީ ބަދަލުކޮށްފައި." ހިސާން ވިދާޅުވިއެވެ.

މި ޙާދިސާގައި ލިބުނު ގެއްލުންތައް ދެނެގަނެ، ގެއްލުންވި ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމެއް މިއަދު މެންދުރުގެ ވަގުތެއްގައި ފޮނަދޫއަށް ދާނެކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ފޮނަދޫއަށް އެރި ނަގޫރޯޅީގައި ގައި އެރަށުގެ ބަރާސިލު އަވަށުގެ 12 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާކަމަށް ފޮނަދޫ ކައުންސިލުންވެސް ވަނީ މަޢުލޫމާތުދީފައެވެ. މި ޙާދިސާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ރުއްގަސް ވެއްޓުން ފަދަ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި ނަގޫރޯޅިއެރި ވަގުތަކީ ކޮންމެވެސް ވަރަކަށް ވާރޭވެހުނު ގަޑިއެއްކަމުން، ފުރާޅު އެއްލާލި ބައެއް ގޭގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށް ފެނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުންތައްވެސް ލިބިފައިވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭނެކަމަށް ލަފާކުރެވޭތީ، ފެން ބޮޑުވުން ފަދަ ޙާދިސާތަކުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކާ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރާނެކަމަށްވެސް ބެލެވޭތީ، މިފަދަ ކަންކަމަށް ރައްކާތެރިވެ ތިބުމަށާއި، ލިބޭ ގެއްލުން ކުޑަކުރުމަށްޓަކާ ފަރުދީ ފެންވަރުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވާފައިވެއެވެ.