ސިޔާސީ

ޔާމީން މަސައްކަތްކުރީ ޖޭޕީއާއި ޕީޕީއެމާއިވެސް ދެކޮޅަށް - ރިޔާޒް


ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްކުރުމަށް ކުރީގެ ރައީސް ޔާމިން އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ޔާމީން މަސައްކަތްކުރެއްވީ ޖުމްހޫރީ ޕާޓީއާއި ދެކޮޅަށްކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާއަށް މިހާރު އިންތިޚާބުވެވަޑައިގެންފައިވާ ރިޔާޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް ގުޅިގެން ކެނޑިޑޭޓުންނަށް ތާޢީދުކުރަން ނިންމިނަމަވެސް ޕީޕީޢެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ފާޅުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނާއި ދެކޮޅަށް މަސައްކަތްކުރެއްވި ކަމަށާއި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމަށް ގޮނޑިތަކެއް ހޯދައިދޭން "ސީރިއަސް" މަސައްކަތްކުރެއްވި ތަން ފެނިވަޑައި ނުގަންނަވާކަމަށެވެ.

"ޕީޕީއެމްގެ އިސް ލީޑަރ ރައީސް ޔާމީންވެސް ދެކޮޅަށް މަސައްކަތްކުރެއްވިކަން އެނގޭ. ހުދު އަޅުގަނޑާ ދެކޮޅަށް މަސައްކަތްކުރެއްވިކަންވެސް އެނގޭ. އޭގެ ހެކިވެސް އެބަހުރި އަޅުގަނޑުގެ އަތުގަ."

ރިޔާޒް ވިދާޅުވީ ބޮޑު ނާކާމިޔާބީއަކާ ޖުމްހޫރީ ޕާޓީ ކުރިމަތިލާންޖެހުނު ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެކަންކަން ތަފްސީލްކޮށް ދެއްވަމުން ރިޔާޒް ވިދާޅުވީ، އިންތިޚާބާ ވަރަށް ކައިރިވަންދެން ޖުމްހޫރީ ޕާޓީން މަސައްކަތްކުރީ ރިޔާސީ އިންތިޚާބުގެ ކުރިން ވެފައިވާ އެއްބަސްވާ އެއްގޮތަށް ޢަމަލުކުރެވޭތޯ ކަމަށާއި އެގޮތުން ވަރަށް ފަހަކާ ޖެހެންދެން ޖޭޕީ ނިންމާފައި އޮތީ 22 ދާއިރާއަކަށް ވާދަކުރަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯލިޝަންގައި ހިމެނޭ ހަތަރު ބައިވެރިންނާއެކު ގޮތެއް ނިންމުމަށްވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހުނު ކަމަށާއި އެދަނޑިވަޅުގައި ޖޭޕީން ބޭނުންވީ އެކުގައި މަސައްކަތްކުރާނެ ކޮންމެ ބަޔަކާއެކުވެސް މަސައްކަތްކުރުން ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖޭޕީއަށް ގޮނޑިތައް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްކުރެއްވީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގިނިކަންޔާ ކަމަށެވެ. ޖޭޕީގެ ލީޑާޝިޕުންވެސް ގިނަ ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރިތަން ފެނިވަޑައި ނުގެންނެވިކަމަށްވެސް ވިދާޅުވެ ރިޔާޒްގެ ފާޑުކިއުން ލީޑާޝިޕަށްވެސް ވަނީ އަމާޒުކުރައްވާފައެވެ.

"އެ 41 އެއްގޮނޑި ކާމިޔާބު ކުރުމަށް ލީޑާޝިޕުން މަސައްކަތްކުރިތަންވެސް ނުފެނޭ. އަޅުގަަނޑަށް ފެނުނީ ލީޑަރު ގިނިކަންޔާ މަސައްކަތްކުރެއްވިތަން. ޕާޓީގެ ފަރާތުން ކެބިނެތްގައި ތިއްބެވި ބޭފުޅުންވެސް އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް،" ރިޔާޒު ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމާއި ޕީއެންސީ އެކުގައި 41 ދާއިރާއަކަށް ގުޅިގެން މަސައްކަތްކުރި ނަމަވެސް އެ ހުރިހާ ޕާޓީއަކަށްވެސް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރެވުނީ 87 ދާއިރާގެ ތެރެއިން އެންމެ 6 ދާއިރާއެވެ. އަދި ޕީޕީއެމްއިން ފަސް ދާއިރާ ކާމިޔާބުކުރިއިރު ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ ތިން ދާއިރާއެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ 65 ދާއިރާ ކާމިޔާބުކުރައްވާފައެވެ.