ޚަބަރު

މަގުމައްޗަށް ކުޅުޖެހުން ހުއްޓާލާ!


ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ކުޑަ ކުޑަ ދިވެހިރާއްޖެ ދުވަހެއް ދުވަހަކަށް ކުރިއަރަމުން އައިސް ތަރައްޤީވަމުންދާއިރު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އަޅުގަނޑުމެން ކެއުންބުއިމަށް ބޭނުންކުރާ ތަކެތިން ފެށިގެން، އަޅުގަނޑުމެންގެ އާދަކާދައަށްވެސް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. ހެދުން އެޅުމުންފެށިގެން ދިވެހިން ގެންގުޅޭ އަގުބޮޑު މޯބައިލް ފޯނުތަކަށް ބަލާލިޔަސް މި ބަދަލުތައް އައިސްފައިވާ މަންޒަރު ވަރަށްވެސް ބޮޑަށް ފެންނާނެއެވެ. އެހެންނަމަވެސް އަދިވެސް ދިވެހިންގެތެރެއިން ތަހުޒީބުނޫން ބައެއް ޢަމަލުތައް ފެންނަމުންދެއެވެ.

ތަހުޒީބު ޤައުމުތަކުގައި ނުފެންނަފަދަ، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އެތައްޢަމަލެއް އަޅުގަނޑުމެންގެ މިކުޑަކުޑަ ރީތި ރާއްޖޭގެ މުޖުތަމަޢުތެރޭގައި ދަނީ ހިނގަމުންނެވެ. މިގޮތުން ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މަގުމައްޗަށް ކުޅުޖެހުމާއި މަގުތަކަށް ކުނި އެޅުމެވެ.

މިއީ އޭގެ ސަބަބުން އިޖްތިމާޢީ މައްސަލަތަކުގެ އިތުރުން ޞިއްޙީ މައްސަލަތައްވެސް ދިމާވާ މުޑުދާރު ޢަމަލެކެވެ. ރާއްޖޭގެ އާބާދީގެ އެންމެ ބޮޑުބައެއް ދިރިއުޅޭ ވެރިރަށް މާލޭގެ ބައެއްމަގުތަކަށް ބަލާލުމުންވެސް މިކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

މިފަދަ ޢަމަލުތައް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެނިގެންދަނީ ސައިހޮޓާތަކާއި ރެސްތޯރެންޓް ފަދަ ތަންތަން ހިމެނޭ ސަރަޙައްދުތަކުންނެވެ. ރޯގާ ޖެހިފައިވާ މީހަކު ނުވަތަ އެނޫންވެސް މީހަކު ކަރުކެހެލުމަށްފަހު މަގުމައްޗަށް ކުޅުޖަހާ މަންޒަރަކީ މިހާރުވެސް ފެންނަމުންދާ މުޑުދާރު މަންޒަރެވެ. އަދި ސައިހޮޓާ ރެސްޓޯރެންތްފަދަ ތަންތަނުން ނުކުމެ ގަދައަށް ދުފާލުމަށްފަހު އެއްވެސް ބަލާލުމެއްނެތި އެސަރަޙައްދަށް ރަތްކުޅު ޖަހާ މަންޒަރަކީ މިއަދު މާލޭގެ އެތައް ތަނަކުން ފެންނަމުންދާ ހަޑިމުޑުދާރު މަންޒަރެކެވެ.

ޢާއްމު އިޖުތިމާޢީ މިންގަޑާ ޚިލާފު މިފަދަ ކަންކަން ހުއްޓުވަން ޤާނޫނުތަކާއި ޤަވާޢިދުތައްވެސް ހަދާފައި އެބަހުއްޓެވެ. މިފަދަކަންކަން ނުކުރުމަށާއި، ސާފުތާހިރު ތަހުޒީބު ވެއްޓެއް ބިނާކުރުމަށް ކަމާބެހޭ ފަރާތްތަކާއި ސިއްޙީ މާހިރުން ކެނޑިނޭޅި އިލްތިމާސްވެސް ކުރެއެވެ. މއެހެންނަމަވެސް ނަމަވެސް ކުރާނީ ކީތްހެއްޔެވެ؟ ރާއްޖެއަންނަމުންދާ ހަލުވި ތަރައްޤީއާއެކު ބައެއް ފަރުދުން ތަހުޒީބެއްނުވެއެވެ. މިފަދަ ހުތުރުޢަމަލުތަކުގެ ސަބަބުން ބަދުނާމުވަނީ ހަމައެކަނި އެކަން ކުރާމީހާއެއްނޫނެވެ. އެމީހާގެ އަވަށާއި ގޭދޮށު ހިސާބެވެ. ރަށާއި ސިޓީއެވެ. ޖުމުލަކޮށް ދަންނަވާނަމަ މުޅި ޤައުމެވެ. މިމަންޒަރު ފެންނަ ފަތުރުވެރިޔާ ބުނާނީ އެކަންކުރި މީހާގެ ނަމެއްނޫނެވެ. ދިވެހިރާއްޖޭގެ ނަމެވެ.

މިކަންކުރާ ބަޔަކަށް މިއީ އާދައިގެ ކަމެއްކަމަށް ހީކުރެވިފައިވީނަމަވެސް، މިއީ ވިސްނާނުލާ ދޫކޮށްލެވޭ ވަރަށްވުރެއް ބޮޑު މައްސަލައެކެވެ.

އެއްވެސް ބަލާލުމެއްނެތި މަގުމައްޗަށް ކުޅު ޖަހާފައި ދާއިރު ދެން އެމަގުން ހިނގާނެ މީހަކާމެދު ވިސްނާ ނުލަނީތޯ؟ އެއިން މުޖުތަމަޢުއަށް ކުރާނެ ނޭދެވޭ އަސަރާމެދުވެސް ވިސްނާލިންތޯއެވެ. ދުވާލެއްގެމައްޗަށް އެތައްބަޔަކު މިގޮތަށް މަގުތަކަށް ކުޅު ޖަހާއިރު އެ ދޫކޮށްލެވެނީ އެތަކެއް ޖަރާސީމެކެވެ. އެއާއެކު އެތަކެއް ބަލަިތަކެއް ފެތުރި ޚާއްސަކޮށް މަގުތަކުގައި ފެންބޮޑުވުމުންނާއި، ވަޔާއެކު އެ ޖަރާސިމްތައް މުޅި މުޖުތަމުގެ ތެރެއަށް އެތަކެއް ބަލިތައް ފެތުރުމަށް މަގުފަހިކުރެއެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެކި ފިޔަވަޅުތައް ސަރުކާރުން އަޅަމުންދިޔަނަމެވެސް މިކަންތައް ހުއްޓުވޭނީ ފަރުދީ ޒިންމާ އަދާކޮށްގެނެނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންނަކީ ސާފުތާހިރުބައެއް ނަމަވެސް ފަހަކަށް އައިސް މަގުތަކަށް ކުޅުޖެހުންފަދަ މުޑުދާރުކަންކަން ބައެއްމީހުން ކުރާ މަންޒަރު ފެންނަމުންދާކަމަށެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި އާއްމުން ހޭލުންތެރިކުރުވުމަށް ޚާއްސަ ހަރަކާތްކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މާލެއަކީ ސާފު ރީތިތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ މާލޭގެ 13 ސަރަހައްދެއްގައި މިފަދަ ބޭއަދަބީ ޢަމަލުތައް ހުއްޓުވުމަށްޓަކައި އެކިކަހަލަ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

މަގުމައްޗަށް ޖަހާފައިހުރި ކުޅުގަނޑެއްގެ މަތިން ހިނގާފައިދިޔުމަށް ތިމާ ނޭދޭފަދައިން، އަނެކާއަށްވެސް އެފަދަ ތަކުލީފެއް ނުޖައްސާށެވެ. މިފަދަ ކަންކަން ހުއްޓުވައި އަޅުގަނޑުމެންގެ ދިރިއުޅޭ މުޖުތަމައުއަކީ ސާފުތާހިރު ރީތިތަނަކަށް ހެދުމަށް ކޮންމެ ފަރުދަކުވެސް ފަރުދީޒިންމާ ނަގަމާ ހިނގާށެވެ.