ވިޔަފާރި

ތަރައްޤީގެ ނިސްބަތުން ރާއްޖޭގެ އިންޓަރނެޓް ސްޕީޑް ދަށް


ތަރައްޤީގެ ނިސްބަތުން އިންޓަރނެޓްގެ ސްޕީޑް އެންމެ ދަށް ޤައުމުތަކުގެ ލިސްޓްގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

'ވަރލްޑް ވައިޑު ބްރޯޑްބޭންޑް ސްޕީޑް ލީގް ދެހާސް އަށާރައިގެ' ނަމުގައި އިނގިރޭސިވިލާތުގެ ކޭބަލް ކުންފުނިން އެކުލަވާލާފައިވާ ލިސްޓަށް ބަލާއިރު، ދިވެހިރާއްޖެ ހިމެނެނީ ދެކުނު އޭޝިއާ ސަރަހައްދުންވެސް އިންޓަރނެޓް ސްޕީޑް އެންމެ ދަށް ޤައުމުތަކުގެ ތެރޭގައެވެ. މި ލިސްޓްގައި 200 ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެ ހިމެނެނީ 147 ވަނައިގައެވެ.

ދިވެހިރާއްޖޭގެ އިންޓަރނެޓް ސްޕީޑު އާއްމުކޮށް ހުންނަނީ 1.98 އެމްބީޕީއެސްގައެވެ. ކޭބަލް ކުންފުނިން އެކުލަވާލާފައިވާ މި ލިސްޓުގައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި 5 ޖީބީގެ އެޗްޑީ ފިލްމެއް ޑައުންލޯޑުކުރުމަށް އާއްމުގޮތެއްގައި 5 ގަޑިއިރާއި 45 މިނެޓް ނަގައެވެ. 2017ވަނަ އަހަރު ލިބުނު ރޭންކިންއަށް ބަލާނަމަ، މިދިޔަ އަހަރު ރާއްޖެ ވަނީ 17 ދަރަޖަ ވެއްޓިފައެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު، އިންޓަރނެޓް ސްޕީޑް އެންމެ ރަނގަޅީ ސްރީލަންކާގައެވެ. އެގޮތުން ސްރީލަންކާއަށް ލިބިފައިވަނީ 81 ވަނައެވެ. ދެވަނައަށް އިންޓަރނެޓް ސްޕީޑް ރަނގަޅު ޤައުމަކަށް އިންޑިއާ ހޮވިފައިވާއިރު އެޤައުމަށް ލިބިފައިވަނީ 88 ވަނައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކަށްބަލާއިރު ދިވެހިރާއްޖެއަށް ލިބިފައިވަނީ 4 ވަނައެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންޓަރނެޓް ސްޕީޑު އެންމެ ދަށް ޤައުމަކީ އަފްޢާނިސްތާނެވެ. އެޤައުމަށް ލިބިފައިވަނީ 186 ވަނައެވެ.

އިންޓަރނެޓްގެ ސްޕީޑް އެންމެ ރަނގަޅު ޤައުމެއްގެ ގޮތުގައި މި ލިސްޓްގެ އެއްވަނައިގައި އުޅެނީ ސިންގަޕޫރެވެ. ދެވަނައިގައި ސްވިޑަން އުޅޭއިރު ތިން ވަނައިގައި އުޅެނީ ޑެންމަރކެވެ.

މި ލިސްޓުގައި ޤައުމުތަކުގެ އިންޓަރނެޓް ސްޕީޑް ރޭންކް ކޮށްފައިވަނީ، 5 ޖީބީގެ އެޗްޑީ ފިލްމެއް ޑައުންލޯޑް ކުރުމަށް ނަގާ ވަގުތުގެ ނިސްބަތަށް ބަލައިގެންނެވެ.
2018 ވަނަ އަހަރު ނަގާފައިވާ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރޭންކިންގައި 2017ވަނަ އަހަރުގެ ރޭންކިންގާއި އަޅާ ބަލާއިރު ލިބިފައިވާ ކުރިއެރުން، ނުވަތަ ދަށަށް ގޮސްފައިވާ ނަމަ އެކަން ވެސް ފާހަގަކޮށްފައިވެއެވެ.