ދީން

މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މާދަމާ ޚާއްޞަ ހަރަކާތެއް ބާއްވަނީ


މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ބާއްވާ ޚާއްޞަ ހަރަކާތް މާދަމާ އޮންނާނެއެވެ.

"ދަރުމަ ކަމާކެމި" ނަމުގައި ހިންގާ މިހަރަކާތުގައި މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމު ރައްޔިތުންނަށް އެ ފުރުޞަތު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އެކިއެކި ފަންޑުތައް ދިރުވާ ޢަލާކޮށް އެއަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް މި ޙަރަކާތުގެ ތެރެއިން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ. މިހަރަކާތުގައި މިނިސްޓްރީއާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ސްޓޯލްތައް ހުންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މި ހަރަކާތް ރަސްމީކޮށް ފަށްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

މި ހަރާކާތް ކުރިއަށްދާއިރު އެކިކަހަލަ މަޢުލޫމާތު ލިބޭނެ ސްޓޯލްތައްވެސް ބަހައްޓާފައިހުންނާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ޚަރަދު ކުރާ ގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު ޢަދަދުވެސް ހާމަކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތައް މީހުން ހޭލުންތެރިކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މިހަރަކާތުގައި މިސްކިތްތައް އެޅުމަށް ބޭނުންވާ ރަށްތައްވެސް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިސްކިތްތަކަށް ޚާއްސަކޮށްފައިވާ ސްޓޯލަކުން މިސްކިތްތަކަށް ބޭނުންވާ މަރާމާތާއި، މަރާމާތު ކުރުމަށްބޭނުންވާ މިސްކިތްތަކާއި، ޚަރަދުވާ ވަރުގެ މަޢޫލޫމާތުތައް ހިއްސާކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެ މިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑުފޮށިތައް ބެހެއްޓުމަށް ނިންމާފައިވާއިރު އޮންލައިންކޮށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު އޮންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިހަރަކާތުގައި ދިނީ މައުލޫމާތުތައްވެސް ދިނުމަށް ވަނީ ނިންމާފައެވެ.