ސައޫދީ އަރަބިއްޔާއިން އިސްވެ އޮވެ ގަލްފުގެ
އަރިބިގައުމުތަކުން ގުޅިގެން ޔަމަނުގެ ސަރުކާރު ވަށްޓާލައިގެން އުޅޭ ހޫތީ
ހަގުރާމަވެރިންނާދެކޮޅަށް ހިންގާ ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވުމަށް
ޕާކިސްތާނުގެ ގާނޫން ހަދާ މަޖިލީހުން ދެކޮޅު ހެދުމުން ޔުނައިޓެޑް އަރަބި
އެމިރޭޓްސްއިން ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އެކްސްޓަރނަލް އެފެއަޒް ސްޓޭޓް މިނިސްޓަރ
އަންވަރު ގަރަޝް އޭނާގެ ޓުވީޓާގައި ވިދާޅުވީ މިއީ ޔަމަނުގެ މައްސަލާގައި އަރަބިންނަށް
ބޭރު ގައުމެއްގެ ކުރިމަތިލުމެއް ފެށިގެން ހިގަމުންދާ ދަނޑިވަޅެއްގައި ޕާކިސްތާނުން
އަރަބިންނަށްވުރެ އީރާން މުހިއްމުކަން ފާޅުކުރުންކަމަށެވެ. އަރަބިންގެ އިގްތިސާދީ
އަދި އިންވެސްޓްމެންޓް އެސެޓް ވަރަށް ބޮޑަށް ޕާކިސްތާނަށް ފޯރުވަމުންދަނިކޮށް
އަރަބިންނަށް ދިމާވި ނާޒުކު މައްސަލައެއްގައި ޕާކިސްތާނުގެ ސިޔާސީ އެއްބާރުލުން
ގެއްލިދިއުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ޕާލަމެންޓުންވަނީ ސައުދީއަރަބިއްޔާއާއި ގަލްފުގެ
ގައުމުތަކުން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި
ޕާކިސްތާނުން ވަކިފަރާތަކަށް ނުޖެހި ތިބުމަށް ފާސްކޮށްފައެވެ. އެހެންނަމަވެސް
ސައޫދީއަރަބިއްޔާ ހިމާޔަތްކުރުމުގައި ޕާކިސްތާނުގެ ތާއީދު ލިބޭނެކަމަށްވެސް ގާނޫން
ހަދާ މަޖިލީހުން ފާސްކޮށްފައިވެއެވެ.
" ގަލްފުގެ އަރބިގައުމުތަކަށްވަނީ ނުރައްކާތެރި
ކުރިމަތިލުންތަކެއް ކުރިމަތިވެފައި. އަރަބިގައުމުތަކުގެ ސްޓްރެޓެޖިކް
ރައްކާތެރިކަންވަނީ އަނދަވަޅެއްގެ ތުންފަތްމަތީގައި. މިދަނޑިވަޅުގައި ފެނިގެންދާނީ
ހަގީގީ އެކުވެރިން، ނުވަތަ އެކުވެރިކަން މީޑިއާސްޓޭޓްމަންޓްތަކުންދައްކާ
ބައިވެރިން" އަންވަރު ގަރަޝް ވިދާޅުވިއެވެ.
އަނެއްކޮޅުން ޔަމަނަށް ސުލްހަވެރި ހައްލެއް ގެނައުމަށް
ތުރުކީއާއި ޕާކިސްތާނުގެ ލީޑަރުން އިއްޔެ ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވިއެވެ.
ތުރުކީގެ ރައީސް ރިސެޕް ތައިޕް އޮރްދޮޣާންއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު
ޝަރީފް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ހޫތީންނަށް ޔަމަނު ސަރުކާރު
ވަށްޓާލުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި
ސައޫދީއަރަބިއްޔާއަށް އެއްވެސް ނުރައްކަލެއް އަތުވެއްޖެނަމަ ވަރުގަދަ ރައްދެއް
އެބަޔަކާއި ދެކޮޅަށް ދޭނެކަމަށްވެސް ދެބޭފުޅުން ވިދާޅުވިކަމަށް ވެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަކީ އީރާނުން އެހީތެރިވެދީގެން ޔަމަނު ސަރުކާރާއި ދެކޮޅަށް ނެރުނު ބައެއްކަމަށް އަރަބި ގައުމުތަކުން ތުހުމަތު ކުރެއެވެ. އީރާނުން މިކަންދޮގުކުރިޔަސް ޔަމަނުގައި ހިގަމުންދާ ހަމަލާތަކުގެތެރޭގައި އީރާންގެ އަސްކަރީ އޮފިޝަލުންތަކެއް ހައްޔަރުކުރެވިފައިވާކަމަށް އަރަބިގައުމުތަކުގެ އޮފިޝަލުން ވިދާޅުވެއެވެ.