ޚަބަރު

!ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރަނީ


ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން ވަނީ ލޯކަލް މާރުކޭޓުން މިފަހަރު 32 ގޮޅި ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރެއިން ބަންދުކުރެވޭގޮތަށް ހުރި ގޮޅިއެއްނަމަ ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ މަހަކު 1200 ރުފިޔާއަށެވެ. އަދި ސައްބީސް އަކަ ފުޓޫގެ ގޮޅިއެއް 1000 ރުފިޔާއަށް ދޫކުރާއިރު، ފަންސާސް ހަތް އަކަ ފޫޓުގެ ގޮޅިއެއްގެ އަގަކީ މަހަކު 800 ރުފިޔާ އެވެ.

ގޮޅިތައް ކުއްޔަށް ހިފުމަށް ސައުގުވެރިވާ ފަރާތްތަކުން މިމަހުގެ ފަންސަވީސްވާ ބްރާސްފަތިދުވަހުގެ އެއްގަޑި ސުންމިނެޓުގެކުރިން ކައުންސިލް އިދާރާއަށް ފޯމު ހުށައަޅަން ޖެހޭނޭކަމަށް ކުޅުދުއްފުށި ކައުންސިލް އިދާރާއިން ބުނެއެވެ.

އެކަމަށް ހާއްސަކުރެވިފައިވާ ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބް ސައިޓުން ލިބެން ހުންނާނެއެވެ. ގޮޅިތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އެއްއަހަރުދުވަހުގެ މުއްދަތަކަށެވެ. ގޮޅިތަކަށް ކުރިމަތިލާއިރު ކުއްޔަށް ހިފާފަރާތްތަކުގެ ކިބައިވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އިމާރާތް ކޮށްފައިވަނީ އެރަށުގެ ބަންޑާރަ މަގުގައެވެ. ގާތްގަނޑަކަށް 4 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މާރުކޭޓުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުރެއެވެ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ރަސްމީކޮށް ހުޅުވާފައިވަނީ ހުސްވިމަހުއެވެ.