ސިއްހަތު

އިންފްލުއެންޒާ ވައިރަހާއި ވެކްސިން އެނގެނީ ކިހާވަރަކަށް؟


ފުރާނައަށް ނުރައްކާވެދާނެ ޙާލަތަކަށް މީހާ ހިނގައިދާނެ ބަލިތަކުން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި ސިއްޙީ ފަރާތްތަކުން ކުރައްވާ އިލްތިމާސް އަޑުއަހައި އެއަށް އެންމެ އެކަށީގެންވާގޮތުގައި ޢަމަލު ކުރެވޭތޯ މިއީ އަމިއްލަ ނަފްސާކޮށްލަން ރަނގަޅު ސުވާލެކެވެ. ބަލިތަކުން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެކެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ދޭ ވެކްސިން ނުވަތަ "ފްލޫ ޝޮޓް" ނެގުމަށް ސިއްޙީ ޚިދުމަތްދޭ ހުރިހާ ފަރާތަކުންވެސް ދަނީ އިލްތިމާސްކުރަމުންނެވެ. އެހެން ނަމަވެސް މިއިލްތިމާސާއެކުވެސް މިވެކްސިން ޖެހުމަށް ގިނަފަރާތްތަކަކުން ނުދާކަން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ ސަބަބުތައްވެސް އެބަހުއްޓެވެ. އެގޮތުން ގިނަ ފަރާތްތަކަކަށް މިއީ ޢުމުރުން އެންމެ ފަހަރަކު ޖަހަންޖެހޭ ވެކްސިނެއްގެ ގޮތުގައި ވިސްނިފައި އޮންނައިރު މިވެކްސިން ޖެހުމަށް ބައެއް ފަރާތްތަކުން އަހަރަކަށްވުރެ ގިނަ ދުވަހުވެސް މަޑު ކުރެއެވެ. އެހެންނަމަވެސް ސިއްޙީ މާހިރުން ވިދާޅުވާގޮތުގައި އިންފްލުއެންޒާ ވެކްސިނަކީ ކޮންމެ މީހަކުވެސް ޖަހަންޖެހޭ ވެކްސިނެކެވެ. މިވެކްސިން ޖަހަން ނުޖެހެނީ ހަމައެކަނި ޢުމުރުން 6 މަސްނުވާ ތުއްތު ކުދިންނެވެ.

އިންފްލުއެންޒާ ވެކްސިން ދެނީ އިންފްލުއެންޒާ ވައިރަހުން ރައްކާތެރިވުމަށް ކަމަށްވާއިރު މިވައިރަހަކީ މޫސުމީ ގޮތަކަށް ބަދަލުވަމުންދާ ވައިރަހެކެވެ. އެހެންކަމުން ވައިރަހުން ސަލާމްތަވުމަށް އުފައްދާ ވެކްސިންވެސް ވައިރަހަށް އަންނަ ބަދަލަށް ބެލުމަށްފަހު ބަދަލުކުރަންޖެހެއެވެ. އެހެންކަމުން ވެކްސިނަކީ ކޮންމެ އަހަރެއްގައިވެސް 2 މޫސުމަކަށް ޢާއްމުކުރާ ވެކްސިން ޝޮޓްތަކެކެވެ.

ޑޮކްޓަރުން ލަފާދެއްވަނީ ކޮންމެ މޫސުމެއްގައިވެސް "ފްލޫ ޝޮޓް" ނެރުމާއެކު "އެޝޮޓް" ނެގުމަށެވެ. "ފްލޫ ޝޮޓް" ނެގުމާ ގުޅޭގޮތުން ޢާއްމުންގެ ގިނަ ސުވާލުތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުން އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޢަބްދުﷲ ނިޔާފް ވިދާޅުވީ "ފްލޫ ޝޮޓް" ނެގިފަހުން އަހަރެއް ނުވިނަމަވެސް އައު "ފްލޫ ޝޮޓް" ނެރުމާއެކު ނަގަންވާނެކަމަށެވެ. އަދި ވައިރަހަށް އަންނަ ބަދަލާއެކު ކުރީގެ "ޝޮޓް"ގެ ބާރު ކެނޑޭނެކަމަށްވެސް ޑރ.ނިޔާފް ވިދާޅުވިއެވެ.

އިންފްލުއެންޒާ ވައިރަހުގެ އަސަރުކޮށްފައިވާ މީހާގެ ކައިރީގައި އުޅޭ މީހުންގެ ގަޔަށް ވައިރަހުގެ އަސަރުކޮށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިޖެހިފައިވާ މީހާގެ ފަރާތުން އަނެކުންނަށް ވައިރަހުގެ އަސަރު ޢާއްމުކޮށް ކުރަނީ ބަލި ޖެހިފައި ހުންނަ ފުރަތަމަ ތިން ހަތަރު މުއްދަތުގެ ތެރޭގައެވެ.

މިވައިރަސް އެހެންމީހުންގެ ގަޔަށް އަރަން މެދުވެރިވާ މައިގަނޑު ޒަރިއްޔާއަކީ ކެއްސައި ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ކުޅުންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

އަމިއްލައަށް އިންފްލުއެންޒާ ޖެހިފައިވާކަން ކަށަވަރު ނުވާއިރުވެސް މިބަލި އެހެންމީހުނަށް ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް "ފްލޫ ޝޮޓް" ނުވަތަ ވެކްސިން ޖެހުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހަދަން ޖެހެއެވެ.