ޚަބަރު

ރަމަޟާންމަހަށް ދަތުރުވެރިންގެ މާރުކޭޓު ތައްޔާރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި


ކުރިއަށް އޮތް ރަމަޟާންމަހަށް މާލޭ ދަތުރުވެރިންގެ މާރުކޭޓު ތައްޔާރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިހާރު ދަނީ ލޯކަލް މާރުކޭޓާއި އިންވެގެން ހުރި ޕޭވްމަންޓުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކު ނުކުރެވޭނެހެން އެ ސަރަޙައްދުގައި ބޮލާޑު ޖެހުމުގެ މަސައްކަތްވެސް ފަށާފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާއި ދިމާކޮށް އެންމެ ބާރުބޮޑުވާ އެއް ސަރަޙައްދަކީ މާލޭ ދަތުރުވެރިންގެ މާރުކޭޓު ސަރަޙައްދެވެ. ދަތުރުވެރިންގެ މާރުކޭޓަކީ ރަމަޟާންމަހު ގޭގޭގެ ސުފުރާމަތި ފަޅުފިލުވުމަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެންމެ ފަސޭހައިން އެއްތަނަކުން ލިބޭ ތަންކަމުން، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ގިނަ އަދަދެއްގެ އާއްމުން އެތަނަށް ވިޔަފާރިކުރުމަށްޓަކާ ޖަމާވެއެވެ. އެހެންކަމުން ދަތުރުވެރިންގެ މާރުކޭޓުގެ އިންތިޒާމްތައް ފަސޭހަކޮށް، އެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކާ މާލޭ ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

އެގޮތުން ދަތުރުވެރިންގެ މާރުކޭޓާއި އިންވެގެން އޮތް ޕޭވްމަންޓުގައި 4 ފުރޮޅުލީ އުޅަނދުތަކަށް ޕާކު ނުކުރުރެވޭނޭހެން އެތަނުގައި ބޮލާޑު ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޙުސެއިން ޝަރީފު ވިދާޅުވީ، މިގޮތަށް ހަދަން ނިންމީ، ދަތުރުވެރިންގެ މާރުކޭޓަށް ވިޔަފާރިކުރަންދާ އާއްމުންނަށް އެތަނަށް ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތްހެދުމަށް ކަމަށެވެ. އަދި މިހެން ހެދުމުން އެތަނުގައި ތަކެތި ވިއްކާ ފަރާތްތަކަށްވެސް ފަސޭހަތަކެއް ވެގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރަނީ މިތާ ބޮލާޑު ޖަހާފައި 4 ފުރޮޅުލީ އުޅަނދުތަކަށް ޕާކުނުކުރެވޭ ގޮތް ހެދުން.. އެފަދަ އުޅަނދުތައް މިތަނުގައި ޕާކުކުރާތީވެ، މިތަނަށް ވިޔަފާރިކުރަން އަންނަ މީހުންނަށް އުނދަގޫވެ، ގޮޅި ހިންގާ މީހުންނަށްވެސް މުދާތައް ގެނެސް މިތަނަށް ވައްދާ ހަދަން އުނދަގޫވާކަން ވަނީ ފާހަގަކުރެވިފައި.. ބޭނުމަކީ ރައްޔިތުންނަށް ފަސޭހައިން މިތަނަށް ވަދެ ނިކުމެވޭނެ ގޮތް ހެދުން.." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓަށް ވަދެ ނިކުތުމަށް ފަސޭހަކުރުމަށްޓަކާ އިތުރު ގޭޓުތަކެއް ހެދުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވޭނެހެން އެ ސަރަޙައްދުގެ ޓްރެފިކް މެނޭޖްކުރުމަށްޓަކާ ޓްރެފިކް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިތުރު ދޮރުތަކެއް މިތަނުން ކަނޑާ، މިތަނަށް ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތް އަޅުގަނޑުމެން ހަދާނަން. އަދި ސާފުތާހިރުގޮތަކަށް މިތަން ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރާނަން.. ފުލުހުންނާއި ގުޅިގެން އެބޭފުޅުންނާއި މަޝްވަރާކުރުމަށްފަހު، ރަމަޟާން މަހަށް ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ." ޝަރީފު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މާރުކޭޓު ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ސަރަޙައްދުގެ ޕޭވްމަންޓުގައި 4 ފުރޮޅުލީ އުޅަނދުތަކަށް ޕާކުނުކުރެވޭނެ ގޮތް ހެދުމުގެ އިތުރުން، އެ ސަރަޙައްދުގެ ބަނދަރުތައް ކައިރީ އެފަދަ ވެހިކަލްތައް މަޑުކޮށްފައި ބޭއްވުންވެސް ހުއްޓުވާނެކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.